ކްރެމިޔާ ފާލަމަށް ޔުކްރޭނުން ދިން ޑްރޯން ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން ރަޝިޔާއިން ޔުކްރޭންގެ އޮޑީސާ ބަދަރަށާއި ދެކުނު ޔުކްރޭނުގެ އެތައް ސަރަޙައްދުތަކަކަށް ވަރުގަދަ ޙަމަލަތަކެއް މިއަދު ދީފިއެވެ.
ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި ޙަމަލާތަކުގެ އެއް އަމާޒަކީ ދެކުނު ޔުކްރޭންގެ ކަނޑުގެ މުހިއްމު ބަނދަރެއް ކަމުގައިވާ އޮޑީސާއެވެ. މި ސަހަރަށާއި ބަނދަރަށް ޙަމަލާދިނީ އަމާޒުހިފަނިވި މިސައިލުން ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުންޏެވެ. ޙަމަލާދިން ތަންތަނުގެ ތެރޭގައި އޮޑީސާގައި ހުންނަ އޮޑިބަންނަ ކާރުޚާނާ ހިމެނެއެވެ. އެއީ ކްރެމިޔާ ފާލަމަށް ޙަމަލާދިނީ މި ތަނުގައި ބަންނަ ދެ ޑްރޯނުން ކަމަށް ވާތީއެވެ.
ރޫސީ ދިފާޢީ ވުޒާރާ ބުނިގޮތުގައި "ރަޝިޔާއަށް ޙަމަލާ ދޭނެ ޑްރޯނެއް މި ކަރުޚާނާއަކުން ދެނެއް ނޫފެއްދޭނެއެވެ."
އެ ވުޒާރާ ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ އަމާޒުތަކުގެ ތެރޭގައި އޮޑީސާއާއި މިކޮލައިވްގައި ހުރި އުނދަނަ ތާނގީތައް ހިމެނެއެވެ. ރަޝިޔާގެ ޙަމަލާތަކުން 70ހާސް ޓަނުގެ އުނދަނަ ގޮއްވައިލައި ހަލާކުކޮށްލިއެވެ.
ރަޝިޔާގެ މީޑިޔާތައް ސިފަކުރި ގޮތުގައި ރަޝިޔާއިން މިއަދު ވަރަށް ހެނދުނު ދިން ޙަމަލާތަކަކީ "ވަރަށް ބޮޑު" ޙަމަލާއެކެވެ. ރަޝިޔާއިން އޮޑީސާއަށާއި މިކޮލައިވަށާއި ޚާރްކީވަށް ދިން ޙަމަލާތަކުގެ ފޮޓޯތައް ރަޝިޔާގެ މީޑިޔާތަކުން ފަތުރައިފައިވެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ދެކުނަށް ރަޝިޔާއިން މިއަދު ދިން ޙަމަލާތަކަކީ ބަދަލުހިފުމުގެ ޙަމަލާތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކްރިމިޔާ ފާލަމަށް ޙަމަލާދިނީ ޔުކްރޭނުންކަން މޮސްކޯއަށް ވަނީ ކަށަވަރުވެފައެވެ.
އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ކަޅުކަނޑުތެރެއިން އޮޑީސާއަށް ހަމަލާދިން ރަޝިޔާގެ މިސައިލްތަކުން ހަ މިސައިލް ވައްޓައިލިއެވެ. އެހެނަސް މި މިސައިލްތަކުން ވެއްޓުނު ބައިތަކުން ބަނދަރުގެ މުހިއްމު އެތައް ތަނަކަށާއި ޢަންމުން ދިރިއުޅޭ އެތައް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ.
މިކޮލައިވްގެ ގަވަރުނަރު ހާމަކުރެއްވި ގޮތުގައި ރޫސީ ޙަމަލާތަކުގެ ސަބަބުން އެ ސަހަރުގެ ބިނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ޔުކްރޭންގެ ޢަސްކަރީ ދެކުނު ކޮމާންޑް ބުނާގޮތުގައި ރޫސީ ޙަމަލާތަކުގެ ސަބަބުން އޮޑީސާ ބަނދަރުގެ ޚިދްމަތް ހުއްޓިގެން ނުދެއެވެ.ޔުކްރޭނުން ބޭރުކުރާ ގޮވާންތައް ބޭރުކުރެވޭ އެންމެ މުހިއްމު ތިން ބަނދަރު އޮންނަނީ އޮޑީސާ ސަހަރާއި އެ ސަހަރުގެ ރަށްބޭރުގައި އޮންނަ ބަނދަރުތަކުންނެވެ.



advertisment