Support Us

 ވުނަކުރުމުގެ ދަތުރުފުޅެއްގައި އުރްދުޣާން ސަޢުދީ އަރަބިއްޔާއަށް

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ގަލްފުގެ ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ.

މި ތިން ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތެވެ. ރައީސް އުރްދުޣާންގެ ގަލްފު ދަތުރުފުޅުގެ ޝިޢާރަކީ  "ވުނަކުރުމާއި ހަމަޖެހުން" އެވެ. ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ޖިއްދާގައި ރައީސް އުރްދުޣާނާ އިއްޔެ ބައްދަލުކުރައްވައި އޭނާއަށް ރަސްމީ ކޮށް އައްސަޅަމް ގަނޑުވަރުގައި މަރްޙަބާ ދެންނެވިއެވެ. 

ދެ ޒަޢީމުންގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަދެއްކުންތަކުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ހަރުދަނާކޮށް ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މަސްއަލަތަކާއި ސަރަޙައްދީ ތަފާތު މަސްއަލަތަކާ ބެހޭގޮތުން ބަޙުސްކުރެއްވިއެވެ. 

އުރްދުޣާން އިސްތަންބޯލުން އިއްޔެ ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި ގަލްފަށް އޭނާ މި ކުރައްވާ ދަތުރުފުޅުގައި އެންމެ އިސްކަންދެއްވާނީ ގުޅިގެން ވުނަކުރުމާ ބެހޭ ތަފާތު މަޝްރޫޢުތަކަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވޭތިވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ތުރްކީއާއި ގަލްފުގެ ޤައުމުތަކާ ދެމެދުގައި ބަދަލުކުރި ވިޔަފާރި ވަނީ 1.6 ބިލިޔަނުން 22 ބިލިޔަނަށް އިތުރުވެފައެވެ. 

އުރްދުޣާން ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ މި ޢަދަދު އެތައް ގުނައަކަށް އިތުރުކުރެއްވުމެވެ. އޭނާ ވިދާޅުވިގޮތުގައި ޖިއްދާއާއި ދައުޙާއާއި އަބޫޡަބްއިގައި ބޭއްވޭ ގަލްފު– ތުރްކީ ވިޔަފާރީގެ ސިންތާތަކުގެ ސަބަބުން މި ކަން ޙާޞިލުވެގެންދާނެއެވެ.

އުރްދުޣާން ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަކީ މި ސަރަޙައްދުގެ އެންމެ މުހިއްމު ޤައުމެވެ. ވިޔަފާރިއާއި ވުނަކުރުމާއި ޢިމާރާތްކުރުމުގެ މައިދާނުގައި ސުޢޫދީ ޢަރަބިއްޔާއަށް ޚާއްޞަ މަޤާމެއް ލިބިގެންވެއެވެ. ވޭތުވެދިޔަ 20 އަހަރުގެތެރޭގައި ތުރްކީގެ ކޮންޓްރެކްޓަރުން ސުޢޫދީ ޢަރަބިއްޔާގައި ތަންފީޒުކޮށްފައިވާ ޢިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ އަގު 25 ބިލިޔަނަށް އަރައިފައިވެއެވެ. އުރްދުޣާން ވިދާޅުވިގޮތުގައި އެ ކުންފުނިތަކުން ކުރިމަގުގައި ސުޢޫދީ ޢަރަބިއްޔާގައި އެއަށްވުރެ ބޮޑު ދައުރެއް އަދާކުރުމަށް އަންކަރާ އެދެއެވެ.

ތުރްކީގެ ޚާރިޖީ އިޤްތިޞާދީ ގުޅުންތަކާބެހޭ މަޖިލީހުގެ ރައީސް  ނާއިލް އޮލިޔާކް ވިދާޅުވިގޮތުގައި ރައީސް އުރްދުޣާން އަރިހުގައި މި ދަތުރުފުޅުގައި އެ މަޖިލީހުގައި ބައިވެރިވާ ވިޔަފާރިވެރީންގެ ތެރެއިން 200 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޢޫދީ 2030 މާރެހުގައި ހަކަތައާއި އައުވަމުންދާ ހަކަތައާއި ދަނޑުވެރިކަމާއި ސުމޭކީ ފަންނިއްޔަތާއި އިލެކްޓްރޯނިކް ވިޔަފާރިއާއި މާލީ ފަންނިއްޔަތާއި ފަތުރުވެރިކަމާއި ގެދޮރުވެރިކަމާއި ލޮޖިސްޓިކް ޚިދްމަތްތައް ފަދަ ތަފާތު މައިދާންތަކުގައި އެއްބާރުލުމުގެ މައިދާން ތަނަވަސްވެފައިވެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *