އިސްރާއީލުގެ ވައިގެ ބާރުތަކުގައި ހިމެނޭ ރިޒަރވް ޕައިލެޓުންގެ ތެރެއިން 106 މީހަކާއި ރިޒަރވް ސިފައިންގެ ތެރެއިން 200 މީހަކު ޚިދްމަތުން ވަކިވެއްޖެއެވެ. އެއީ ބޮޑުވަޒީރު ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބުގެ ޤާނޫނާ ދެކޮޅު ހެދުމުގެ ގޮތުން އެމީހުން ރޭ އެޅި ފިޔަވަޅެކެވެ.
އިސްރާއީލގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި މި ބައިމީހުން ޚިދްމަތުން ވަކިވިކަން އިޢުލާން ކުރީ ރޭގައެވެ. މި ރޭޑިއޯ ބުނިގޮތުގައި ވައިގެ ޚިދްމަތުން ވަކިވިކަން އިޢުލާންކުރި 106 މީހުންގެ ތެރޭގައި ގިނައީ ޕައިލެޓުންނާއި ނިޔަމީންނެވެ. އޭގެތެރޭގައި ވައިގެ ބަނދަރުގައި ޓަވަރުގައި މަސައްކަތް ކުރާ މީހުންނާއި އިންޖިނޭރުންވެސް ހިމެނެއެވެ.
އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި ސަރުކާރުން ޤަޟާއީ އިންޤިލާބާ ބެހޭ ބިލް ކުރިއަށް ގެންދާނަމަ ސިފައިންގެ ރިޒަރވްގައި ހިމެނޭ ސިފައިންގެ ތެރެއިން 250 މީހަކު ވެސް ޚިދްމަތުން ވަކިވާނެކަން ރޭ ވަނީ އިޢުލާންކޮށްފައެވެ.
އިސްރާއީލު ސަރުކާރުން މި ބިލުގެ ފުރަތަމަ ކިޔުންވަނީ ބަރްލަމާނުގައި ކިޔައި ފާސްކޮށްފައެވެ. މި ބިލް ޤާނޫނަކަށް ވާނީ ތިން ކިޔުމަށް ފަހުގައެވެ.
މި ބިލް ފާސްކޮށްފިނަމަ ސުޕްރީމް ކޯޓުގެ ބާރު ކެނޑިގެންދާނެއެވެ. ބަރްލަމާނުން ފާސްކުރާ ބިލްތަކާ ދެކޮޅު ހަދައި ބާޠިލުކުރުމުގެ ބާރު ނެތިގެންދާނެއެވެ. މީގެ އިތުރަށް ފަނޑިޔާރުން އިސްކުރުމުގައި ވެސް ފަހުބަސް ބުނާ ފަރާތަކަށް ވާނީ ސަރުކާރެވެ. ކޯޓެއް ނޫނެވެ.
މި ކަމާ ދެކޮޅަށް އިސްރާއީލުގައި މުޒާހަރާތަކާއި އިޙްތިޖާޖުތައް ބޭއްވެމުންދާތާ 27 ހަފުތާ ވެއްޖެއެވެ. އިސްރާއީލުގެ އިދިކޮޅު ޖަމާޢަތްތައް ބުނާގޮތުގައި މި ޤާނޫނުގެ ސަބަބުން އިސްރާއީލުގެ އެތެރޭގައި ވަރަށް ބޮޑަށް ރެނދުއަޅައިގެން ދާނެއެވެ. އަދި އިސްރާއީލުގެ ދީމުޤްރާޠީ ނިޒާމު ހަލާކުވެގެންދާނެއެވެ.
ނަތަންޔާހޫ އަޅުއްވައެއް ނުލައްވާ
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލުގައި ބާއްވަމުންދާ މުޒާހަރާތަކަށާއި އިޙްތިޖާޖުގެ ހިނގައިލުންތަކަށާއި ސިފައިންގެ ޚިދްމަތުން ވަކިވަމުންދާ މީހުންނަށް ބޮޑުވަޒީރު ނަތަންޔާހޫ އަޅުއްވައެއް ނުލައްވައެވެ. ވެރިކަން ކުރާ ލީކޯޑް ޕާޓީގެ އިސްވާރުންނާ ޙަވާލާދީ ހާއާރްތިސް ދުވަހު ނޫސް ބުނާގޮތުގައި ނަތަންޔާހޫގެ ބަސްފުޅަކީ "ސިފައިންގެ ޚިދްމަތުން ވަކިވާ މީހުންކޮޅާ ނުލައި ދައުލަތް ހިންގާނެއެވެ. ބައެއް ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ ފައިސާތައް ބޭރަށް ގެންދަން ރޭވިޔަސް އަދި މުޒާހަރާތައް ކުރިއަށް ދިޔަސް އެކަމާމެދު ސަރުކާރު ކަންބޮޑެއް ނުވާނެއެވެ."
އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ނަތަންޔާހޫއާ ޙަވާލާދީ ބުންޏެވެ. "ނަތަންޔާހޫ ވިދާޅުވިއެވެ. ބަރްލަމާނުން ޤާނޫނުގެ ހެދުމުގެ މަސައްކަތް ހުއްޓައިލުމުގެ މާނައަކީ ތަންފީޒީ ބާރުގެ ބޭނުމެއް ނެތެވެ. މި ބިލްތަކާ ނުލައި ސަރުކާރަށް ކަމެއް ނުކުރެވޭނެއެވެ."



advertisment