"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި "ވަންގަވް" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ޚާއްޞަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަންގަވްގެ ޚިދުމަތާއެކު ޒަމާނުއްސުރެ ޚިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭގޮތް ނުވުމާއި ޚިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަންގަވްގެ ޚިދުމަތްތަކަށް ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު އެދެވޭނެކަން ފާހަގަކުރައްވައި ވަންގަވްގެ ތެރޭން ލިބިގެންދާނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ ހަ އިދާރާއެއްގެ ޚިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ޚިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ވަންގަވްގެ ޚިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްކޮށްފައިވާ ކަމަށާއި އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންގަވްގެ ތެރޭން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment