"އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023″ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކ. ތުލުސްދޫގައެވެ.
އިންޓަނޭޝަނަލް ސަރފިން އެސޯސިއޭޝަންގެ އޭޝިއަން ސަރފިންގ ފެޑެރޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ބާއްވާ މި މުބާރާތް ކުރިޔަށްދާނީ ޖުލައި 8 އިން 17 އަށެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސާރފިންގ ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ޤައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.
މުބާރާތް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިމުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގެންނެވިއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގެ ތެރެއިން، ކުރިޔަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަމެވެ.
"އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023″ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މުބާރާތަށް ތައްޔާރުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްއަކީ، 2004ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.



advertisment