Support Us

އެމެރިކާއާއި ޗައިނާގެ ގޮށް މޮހައިލުމަކީ ޢަމަލީ ގޮތުން މުސްތަޙީލުކަމެއް

އެމެރިކާއާއި ޗައިނާއާ ދެމެދުގައި ވިޔަފާރީގެ މައިދާނުގައި ބޮޑެތި ދެބަސްވުންތަކެއް ހުރިކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރާ ޖެނެޓް ޔެލެން އެމެރިކާއަށާއި ޗައިނާއަށް "ހެޔޮ ވާދަވެރިކަމަކަށް" ގޮވައިލައްވައިފިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ގުޅުން ޢަމަލީ ގޮތުން ކެނޑިގެން ދިޔުމަކީ މުސްތަޙީލު ކަމެކެވެ. އެހެނަސް އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ ކުންފުނިތަކާއެކު ޗައިނާއިން މުޢާމަލާތު ކުރަމުންދަނީ "ވަރަށް ހަރުކަށިކޮށެވެ." 

ޗައިނާގެ ބޮޑުވަޒީރު ލީ ޗިޔާންގާ ބައްދަލުކުރައްވަމުން ޔެލެން ވިދާޅުވިއެވެ. "އަހުރެމެން މަސައްކަތް މި ކުރަނީ ހެޔޮ ވާދަވެރި ކަމަކަށެވެ. ހުރިހާ ޣަނީމާތަކެއް ލިބޭނީ އެންމެ ވަރުގަދަ ފަރާތަކަށް ނޫނެވެ. އިންސާފުވެރި ޤަވާޢިދުގެ ދަށުން ދެ ޤައުމަށް ވެސް ލާބައާއި މަންފާ ޙާޞިލުކުރެވިދާނެއެވެ." 

މިއީ ޔެލެން 2021 ގައި މި މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ޚަރާބުކުރަނިވި "ދެބަސްވުންތަކާ"  ދުރުހެލިވުމަށް އޭނާ ޗައިނާއަށް ގޮވައިލެއްވިއެވެ. ޔެލެންގެ މި ދަތުރުފުޅު އައިސްފައި ވަނީ އެމެރިކާގެ ވަރަށް ގިނަ ސިޔާސީ ބޭފުޅުން ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް ޓަކައި ޗައިނާއާއެކު އޮތް އިޤްތިޞާދީ ގޮށް މޮހައިލުމަށް ގޮވައިލައްވަމުން ގެންދަވާ ވަގުތެއްގައެވެ. ޔެލެން ވިދާޅުވިގޮތުގައި ޗައިނާއާއެކު އޮތް އިޤްތިޞާދީ ގުޅުމުގެ ގޮށް މޮހައިލުމަކީ ޢާލަމީ އިޤްތިޞާދަށް  ހަމަނުޖެހުން ގެނުވާނެ ކަމެކެވެ. އޭނާ ވިދާޅުވިގޮތގައި އެއީ ޢަމަލީގޮތުން މުސްތަޙީލުކަމެކެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ވިދާޅުވިގޮތުގައި "ދަތި ފިޔަވައްސަކަށް ފަހު" ގުޅުންތައް އަންނަނީ ރަނގަޅުވަމުންނެވެ. ޔެލެނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އިއްޔެ ކަމަނާގެ ބޯޓު އަޅުގަނޑުމެންގެ ވައިގެބަނދަރާ ހަމައަށް ވާޞިލުވުމުން އެ ބޯޓުން ވިއްސާރަދުންޏެއް ފެނުނެވެ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކަށް މި ކުލަތައް އަތުވެދާނެއެވެ. ވާރޭ ވެހި ވައި މަޑުވުމުން ވިއްސާރަދުނި ފެނުމަކީ އެކަށީގެންވެއެވެ."

ކުޑަ ފިޔަވަޅެއް

ޔެލެންގެ މި ދަތުރުފުޅުގެ ދެތިން ހަފުތާ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވަނީ ބޭޖިންގަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންގް އޭނާއާ ބައްދަލުކުރައްވައިފައި ވެއެވެ. ޗައިނާގެ ބޮޑުވަޒީރު ފަރަންސޭސި ނޫސް އޭޖެންސީއަށް ވިދާޅުވިގޮތުގައި "ޔެލެން އަކީ ރއީސް ބައިޑްންގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޙަޤީޤަތާ އެއްގޮތަށް ޢަމަލުކުރައްވާ ބޭފުޅެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޗައިނާ އެމެރިކާ ގުޅުންތައް އަލުން ބައްޓަންކޮށް ބިނާކުރުމުގެ މަސައްކަތް  އަލުން ފެށިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ." އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ވަޒީރާގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް "ފައްސި އަސަރުތަކެއް" ކުރާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބޮޑު ފިޔަވަޅަކާ ދިމާއަށް އެޅުނު ކުޑަ ފިޔަވަޅެކެވެ. 

އެމެރިކާގެ ޚަޒާނާއާ ބެހޭ މަސއޫލުވެރިއަކު ވިދާޅުވި ގޮތުގައި ޔެލެން ވަނީ ބޮޑުވަޒީރުގެ ނައިބު ލިޔޫ ހީ އާއި ޗައިނާގެ މަރްކަޒީ ބޭންކުގެ ގަވަރުނަރު ޔީ ގަންގާއެކު "ޙަޤީޤީ ވާހަކަދެއްކުންތަކެއް" ބާއްވަވައިފައެވެ. "މި ދަތުރުގެ ސަބަބުން ތަވާޞުލުވުން ކުރިއަށް ދާނެއެވެ. ކުށްތަކާ ދުރުހެލިވެވޭނެއެވެ." 

މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި "ޢާލަމީ އިޤްތިޞާދީ އުދަރެސްތަކާ" ބެހޭގޮތުން ސައްލާތައް ކުރެވުނެވެ.އެމެރިކާއާއި ޗައިނާއާ ދެމެދުގައި ވިޔަފާރީގެ މައިދާނުގައި އެންމެ ބޮޑަށް ދެބަސްވުން ހިނގަމުންދަނީ ސެމި ކޮންޑަކްޓަރުގެ މައިދާނުގައެވެ. އެމެރިކާއިން ވަނީ މި މައިދާނުގައި ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ. ޗައިނާ ބުނާގޮތުގައި މިއީ ޗައިނާގެ ތަރައްޤީއަށް ހުރަސްއެޅުމަށް ޓަކައި އެމެރިކާއިން ކުރަމުންދާ ކަމެކެވެ. މި ދިޔަ ހޯމަދުވަހު ޗައިނާއިން ވަނީ މިކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި ސެމިކޮންޑަކްޓަރ އުފެއްދުމަށް ބޭނުންވާ ނާދިރު ދެ މަޢުދަނެއް ބޭރުކުރުން މަނާކޮށްފައެވެ. 

އެމެރިކާގެ ޗޭންބަރު އޮފް ކޮމާސްގެ ރައީސް މައިކަލް ހާޓް ފަރަންސޭސި ނޫސް އޭޖެންސީއަށް ވިދާޅުވިއެވެ. "ޔެލެންގެ ދަތުރުފުޅަށްފަހު އިތުރު ދަތުރުތައް ކުރެވޭނެކަމަށް އުންމީދު ކުރެވެއެވެ. ޞިއްޙީ ހުރަސްތައް ނައްތައިލެވުމާއެކު އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. އޭގެތެރޭގައި އެޕަލްއާއި ޓިކްޓޮކާއި މައިކްރޮސޮފްޓްގެ ރައީސްބބިލް ގޭޓުސްއާއި ޓެސްލާ ކުންފުނީގެ ރައީސް އެލަން މަސްކްގެ ޒިޔާރަތްކުރެއްވުން ހިމެނެއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *