ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު މީހުންނަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެންދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ފެށި ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2،000 ގޯތި ދޫކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލެއިން 2،200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6،200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި، ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުޠު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަޤުވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުން ލިބިގެންދާނެ އިޤުތިޞާދީ މަންފާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ، ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާ ހަވާލުކުރައްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.



advertisment