"ހަތިޔާރުއެޅި ކޮންމެ އިންޤިލާބެއް ކޮންމެ ޙާލަތެއްގައި ވެސް އަހުރެމެން ތެދުވެ ނައްތައިލާނެ" ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ރޭ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތުގައި "ޖަރީމާވެރި ޢަމަލުތައް ހިންގުމަށް ބަޔަކު ތެދުވުމުން މުޖްތަމަޢު ބައިބައިވެގެންދާނެއެވެ. އިންޤިލާބު ރޭވި މީހުންނަކީ ވަޠަނަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ބައެކެވެ."
ރައީސް ޕޫޓިން މި މޭރުމުން ރޭ ވާހަކަފުޅު ދެއްކެވީ ކްރެމްލިންގައި ދެއްވި ޚިޠާބެއްގައެވެ. ކްރެމްލިނުން ސިފަކުރި ގޮތުގައި ރައީސް ޕޫޓިންގެ ވާހަކަފުޅުން "ރަޝިޔާގެ ކުރިމަގު ކަނޑައެޅިގެންދާނެއެވެ." ރައީސް ޕޫޓިންގެ ޚިޠާބުގައި ނުކިޔަމަންތެރިކަމުގެ އިސްވާރު ވެގްނަރ ޖަމާޢަތުގެ ޒަޢީމު ޕްރިގޮޒިނަށް އިޝާރަތެއް ނުކުރައްވައެވެ.
ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެބައިމީހުން ބިރުގެންނެވުމާއި ބްލެކްމޭލް ކުރުމާއި ދާޚިލީ ގަނޑުބަޑުތައް އުފެއްދުމަށް ރާވައިފައި ވެއެވެ. އެހެނަސް އެ ހުރިހާކަމެއް ވަނީ ނާކާމިޔާބުވެފައެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ރަޝިޔާގެ ދުޝްމަނުން ބޭނުންވީ ލޭއޮހޮރުވުން ގަދަ މަދަނީ އަރާރުމެއްގެ ތެރެއަށް ޤައުމު ވައްޓައިލާށެވެ. އެހެނަސް އެމީހުންނަށް މި ކަމުގައި ހިސާބުޖެހުން އޮޅިފައެވެ."
ޕޫޓިން އިޝާރަކުރެއްވިއެވެ. "ކިޔީވްގެ ނާޒީން ބޭނުންވީހާ ވެސް ކަމަކީ އަޚުންގެ މެދުގައި ލޭ އޮހޮރުވުމެވެ. ރަޝިޔާ އެ ޤައުމުގެ ރާސްތާގައި ނާކާމިޔާބުކޮށް ފޭލްކޮށްލުމަށް ޓަކައެވެ." އިތުރަށް ވިދާޅުވިއެވެ. "ދައުލަތުގެ އަމްނާއި ފުލުހުން ތިބީ މުޖްތަމަޢާ އެކުގައެވެ. ޤުރްބާންވެގެން ދިޔަ ޕައިލެޓުން ރަޝިޔާގެ މަޞްލަޙަތުތައް ވަނީރައްކައުތެރިކޮށްފިއެވެ."
ވެގްނަރ ހަނގުރާމަވެރީންނަށް އޮތީ ތިން ޚިޔާރެއް:
ޕޫޓިން ސިފަކުރެއްވި ގޮތުގައި ވެގްނަރުންނަކީ "ވަޠަނީ ބައެކެވެ. އެމީހުން ވަޠަނަށް ތަބާވާ ބައެއް ބިންތައް މިނިވަންކުރިއެވެ." އެއަށްފަހު ޕޫޓިން ވިދާޅުވިއެވެ. "އޭގެތެރެއިން ޢުންޞުރަކު ވަނީ އަނދިރި މަސައްކަތެއްގައި އެމީހުން ބޭނުން ކުރަން މަސައްކަތްކޮށްފައެވެ."
ޕޫޓިން ވިދާޅުވި ގޮތުގައި އޭނާ ވަޢުދުވެވަޑައިތް ގޮތަށް ވެގްނަރުންނަށް ބިލަރޫސަށް ދެވިދާނެއެވެ. އަދި ބޭނުންނަމަ ދިފާޢީ ވުޒާރާއާއެކު އެއްބަސްވުން ހަދައިގެން ކުރިއަށް ދެވިދާނެއެވެ. އަދި ބޭނުންނަމަ އެނބުރި ޢާއިލާއަށް އެނބުރި ދެވިދާނެއެވެ.
ޕޫޓިންގެ ޚިޠާބުގައި ވެގްނަރުންނަށް ޝުކްރު އަދާކުރެއްވިއެވެ. "އެމީހުން ލޭ އޮހޮރުވުމަށް ނުނުކުތުމަށް ނިންމިނިންމުމަށް ޓަކައެވެ. ދިފާޢީ ވުޒާރާއެކު ކޮންޓްރެކްޓް ހެދުމުގެ ފުރްޞަތު އެމީހުންގެ ކުރިމަތީގައި އެބައޮތެވެ."
ޕޫޓިންގެ ޚިޠާބުގައި ބިލަރޫސްގެ ރައީސް ލޮކަޝިންކޯއަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. މަސްއަލަ ސުލްޙަވެރިކަމާއެކު ޙައްލުކޮށްދެއްވުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅަށް ޓަކައެވެ.
ޕޫޓިންގެ ޚިޠާބަށްފަހު ކްރެމްލިން ބުނިގޮތުގައި ސިފައިންގެ އަސްވާރުންނާއި ސަލާމަތީ އިދާރާތަކުގެ ވެރީންނާއެކު ޕޫޓިން ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ދިފާޢީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ކްރެމްލިނުން ބުންޏެވެ.
ވެގްނަރުންގެ ހަތިޔާރުއެޅި ނުކިޔަމަންތެރިކަމާ ވިދިގެން ރަޝިޔާ ސަރުކާރުން އަޅައިފައިވާ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް މިހާރު ވަނީ އުވާލައިފައެވެ.



advertisment