Support Us

ވެގްނަރ ހަނގުރާމަވެރިން ޔުކްރޭން ހުރަސްކޮށް ރަޝިޔާ ތެރެއަށް

ވެގްނަރ ހަނގުރާމަވެރިން ޔުކްރޭން ސަރަޙައްދު ހުރަސްކޮށް ރަޝިޔާގެ ރޮސްޓޯވް ސަހަރަށް ވަދެއްޖެ އެވެ.

އެ ޖަމާޢަތުގެ ވެރިޔާ ޕްރިގޮޒިން އިންޒާރު ކުރެއްވި ގޮތުގައި އެމީހުންގެ މަގަށް ހުރަސްއަޅައި ކޮންމެ ބާރެއް ފުނޑުފުނޑުކޮށްލާނެއެވެ. ޕްރިގޮޒިން ވިދާޅުވި ގޮތުގައި އޭނާއާއި އޭނާގެ ހަނގުރާމަވެރިން ނިމުމާ ހަމައަށް ދެވެންދެން މި ކަމުގައި ކުރިއަށް ދާނެއެވެ. 

ހަތިޔާރުއެޅި ނުކިޔަމަންތެރިކަމެއް ވެގްނަރ ޒަޢީމު އިޢުލާން ކުރެއްވުމާ ވިދިގެން މޮސްކޯގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ވެރިރަށުގައި ހުރި މުހިއްމު މަރްކަޒުތަކާއި މުއައްސަސާތައް ވަށައިގެން ސިފައިންނާއި ފުލުހުން ވަނީ ފޯރިމެރުން އިތުރުކޮށްފައެވެ. 

ރޮސްޓޯވް ސަހަރު ކައިރީގައި ރޫސީ ސިފައިން ޤާއިމުކޮށްފައިވާ ޢަސްކަރީ މަރްކަޒުގެ ވަށައިގެން ވަނީ ބަލައި ފާސްކުރާ ނުކުތާތައް އިތުރުކޮށްފައެވެ. އެ ރަށުގެ ފުލުހުން ވަނީ ފޯރިމެރުމުގެ ބުރުތައް އިތުރުކޮށްފައެވެ. ޢަސްކަރީ ހެލިކޮޕްޓަރުތައް ދަނީ އެ މަރްކަޒުގެ މަތީގައި ވެސް ފޯރިމަރަމުންނެވެ.

ރޫސީ ނޫސް އޭޖެންސީ ޓާސް މިއަދު ހެނދުނު ބުނިގޮތުގައި ރަޝިޔާގެ ޢަސްކަރީ އިސްވާރިއްޔަތާ ދެކޮޅަށް ހަތިޔާރުއެޅި ނުކިޔަމަންތެރިކަމެއް ވެގްނަރުން އިޢުލާން ކުރުމާ ވިދިގެން  މޮސްކޯގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައެވެ. ޓާސް ބުނިގޮތުގައި ދައުލަތުގެ ހުރިހާ  އެކުވެނިތަކަކާއި އިދާރާތަކަކާއި މުވާޞަލާތީ މަރްކަޒުތަކެއް ވަނީ ސަލާމަތީ ބަލައިފާސްކުރުމުގެ އިޖްރާއާތުގެ ދަށަށް ގެނެސްފައެވެ. 

 ކްރެމްލިންގެ ތަރްޖަމާން ބިސްކޯވް ހާމަކުރެއްވި ގޮތުގައި ރޫސީ ޕްރޮސިކިޔުޓަރ ޖެނެރަލް އީގޯރު ކްރާސްނޯވް ރައީސް ޕޫޓިނަށް ދެންނެވި ގޮތުގައި ހަތިޔާރުއެޅި ބަޣާވަތެއް ކުރަން ކުރާ މަސައްކަތުގެ ޖިނާއީ ތަޙްޤީޤެއް ޕީޖީގެ އޮފީހުން މިހާރު ވަނީ ފަށައިފައެވެ.

ކްރެމްލިން ބުނާގޮތުގައި މި ބަޣާވަތާ ބެހޭ މަޢުލޫމާތު ރައީސް ޕޫޓިނަށް ކަމާބެހޭ ހުރިހާ އިދާރާތަކަކުން ދަނީ އަރުވަމުންނެވެ. 

ބިސްކޯވް ވިދާޅުވިގޮތުގައި ދިފާޢީ ވުޒާރާއާއި ސަލާމަތީ އިދާރާއާއި ދާޚިލީ ވުޒާރާއާއި ޤައުމީ ފާރަވެރި ބާރާއި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ހުރިހާ އިދާރާތަކަކުން ދަނީ ރައީސް ޕޫޓިނަށް ވަގުތުންވަގުތަށް ރިޕޯޓުކުރަމުންނެވެ. 

ޔުކްރޭންގެ ޢަސްކަރީ ޙަމަލާއާ ބެހޭ ރޫސީ ކޮމާންޑަރުގެ ނައިބު ޖެނެރަލް ސަރގީ ސޮރޮވެކިން ވެގްނަރ ހަނގުރާމަވެރީންނަށް ސިފައިންނާ ކުރިމަތިނުލުމަށާއި އެމީހުންގެ ބޭސްތަކަށް އެނބުރި އަވަހަށް ދިޔުމަށް މިއަދު ގޮވައިލެއްވިއެވެ.   

އޭނާ ވިދާޅުވިއެވެ. "ދުޝްމަނުން ތިބީ ޤައުމުގެ އެތެރެ ގަނޑުބަޑު ވާނެ ދުވަހެއްގެ އިންތިޒާރުގައެވެ." 

އިންޓަރފެކްސް ނޫސް އޭޖެންސީ ބުންޏެވެ. "ރޫސީ ސަލާމަތާ ބެހޭ ފެޑަރަލް އިދާރާ ބުނާގޮތުގައި ވެގްނަރ ޖަމާޢަތުގެ ރައީސް ޕްރިގޮޒިން ރޫސީ ސިފައިންގެ ކިބައިން ބަދަލުހިއްޕަވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ  ހަތިޔާރުއެޅި އަހްލީ ހަނގުރާމައަކަށް ގޮވައިލާ ގޮވައިލުމެކެވެ." 

ރޫސީ ވެގްނަރ މަސްއަލައާ ބެހޭ ގޮތުން ވައިޓްހައުސްއިން ނެރުނު ކުރު ބަޔާނެއް ބުނާގޮތުގައި އެމެރިކާއިން ދަނީ ރަޝިޔާގެ ޙާލަތާއި ވެގްނަރގެ މަސްއަލައަށް ކަޅިއަޅައި ވަރަށް ގާތުން ބަލަމުންނެވެ. ވައިޓްހައުސް ބުނި ގޮތުގައި އެމެރިކާއިން އެމެރިކާގެ ބައިވެރީންނާއެކު މިކަމާ ބެހޭގޮތުން މަޝްވަރާތައް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *