މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް އެކުލަވާލައްވާފައިވާ ކޮމިޓީން ނިންމަވާފައިވާ ގޮތަށް އެސްކީމާ ގުޅޭ ކަންކަން ކުރިޔަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގަވާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.



advertisment