Support Us

ބައިޑްންގެ ސިފަކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ ހެއްވާ ކަމެއް: ޗައިނާ

ޗައިނާގެ ރައީސް ޝީ ޖިންޕިންގަކީ ޚުދްމުޚްތާރު ވެރިއެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ސިފަކުރެއްވުމުން ޗައިނާއިން އެކަމަށް ރައްދުދީފިއެވެ. ޗައިނާގެ ޚާރިޖިއްޔާއިން ސިފަކުރިގޮތުގައި ރައީސް ބައިޑްންގެ ސިފަކުރުމަކީ "ޒިންމާދާރުކަން ކުޑަ، ޖެއްސުންކުރުމުގެ ހެއްވާ ޢަމަލެކެވެ."

ޗައިނާއިން ބުނިގޮތުގައި މިއީ ދެ ފަރާތުގެ ދެމެދުގައި ހުރި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރާ ވަގުތެއްގައި އިތުރަށް މާޙައުލު ހޫނުކުރުމެކެވެ.

ޗައިނާގެ ރައީސަކީ ޚުދްމުޚްތާރު ވެރިއެއް ކަމަށް ސިފަކުރައްވާ ރައީސް ބައިޑްން ވާހަކަފުޅު ދެއްކެވީ ކެލިފޯނިޔާގައި އޭނާގެ އިންތިޚާބީ ޙަމަލާއަށް ފައިސާ ހޯއްދެވުމުގެ އެއްވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ވައްޓައިލި ޗައިނާގެ "ޖާސޫސީ ބެލޫނީގައި ޖާސޫސީ ސާމާނުތައް ހުރިކަން ޝީއަށް އެނގިވަޑައެއް ނުގަންނަވައެވެ. މި ކަން ވީ ރައީސް ޝީއަށް ވަރަށް ބޮޑަށް ހާސްކަން ލިބވަޑައިގެންނެވި ކަމަކަށެވެ."

ބައިޑްން ވިދާޅުވިއެވެ. "މިއީ ޚުދްމުޚްތާރުވެރިން ވަރަށް ކަންބޮޑުވާނެ ކަމެކެވެ. އެމީހުންގެ ޤައުމުގައި އެމީހުންނަށް ނޭނގި އެއްވެސް ކަމެއް ހިނގައިގެން ނުވާނެއެވެ."

ބައިޑްން ވިދާޅުވި ގޮތުގައި މި ބެލޫނި ދަތުރުކުރަން އޮތް މަގުން ކައްސައިލީއެވެ. އެމެރިކާތެރެއަށް ވަނީ މިހެންވެގެންނެވެ. މި ޙާދިސާގެ ސަބަބުން ޗައިނާ އެމެރިކާ ގުޅުންތައް ވަރަށް ނުތަނަވަސްވެގެން ދިޔައެވެ. މި ދެ ޤައުމުގެ މަސްއޫލުވެރީންގެ ދަތުރުފުޅުތައް ވެސް ހުއްޓިގެން ދިޔައެވެ.

ބައިޑްން މި މޭރުމުން ވާހަކަފުޅުދެއްކެވީ އޭނާގެ ޚަރިޖީ ވަޒީރު ބްލިންކަން ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމައިލެއްވި ދުވަހުގެ އަނެއް ދުވަހުއެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ވެސް އޭނާއާ ބައްދަލު ކުރެއްވިއެވެ. ބްލިންކަން ވިދާޅުވި ގޮތުގައި ޗައިނާގެ ބެލޫނީގެ މަސްއަލަ މިހާރު ލައްޕައިލަން ވެއްޖެއެވެ. ބައިޑްންގެ މި ބަޔާނަކީ ޗައިނާގެ ޒަޢީމު ޝީއާ ބެހޭގޮތުން ސީދާ ދެއްވި މި ފަދަ ފުރަތަމަ ބަޔާނެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މައޮ ނިންގް ވިދާޅުވި ގޮތުގައި މިއީ ވަރަށް "ޒިންމާދާރުކަމެއް ނެތް" ވާހަކައެކެވެ. މިއީ ޑިޕްލޮމެޓިކް ޕްރޮޓްކޯލާ ޚިލާފު ވާހަކަތަކެކެވެ. އަދި މިއީ ޗައިނާގެ ސިޔާސަތުގެ ކަރާމަތަށް އަރައިގަތުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ސާފު ޞަރީޙަ ސިޔާސީ ޖެއްސުންކުރުމެކެވެ." ތަރްޖަމާނު ވިދާޅުވިއެވެ.

ބައިޑްންގެ މި ބަޔާނުގެ ސަބަބުން އެމެރިކާ– ޗައިނާ މަސްއޫލުވެރީންގެ ޒިޔާރަތްތަކަށް ނުބައި އަސަރުފޯރާނެތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނުގެ ނައިބު ވިދާޅުވިއެވެ. "މުނާސަބު ވަގުތު އައުމުން ގުޅުންތައް ނުކެނޑި ކުރިއަށް ދާނެ ކަމަށް ލަފާކުރެވެއެވެ." އެހެނަސް އޭނާ ވިދާޅުވިގޮތުގައި "ދެ ޤައުމުގެ ދެމެދުގައި ހުރި ދެބަސްވުންތަކާ ބެހޭގޮތުން ސާފުބަހުން ވާހަކަދައްކަން ޖެހޭނެއެވެ."

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *