Support Us

އިސްރާއީލު ސިފައިން މިއަދުވެސް ހުޅަނގު އައްސޭރީގައި

ހުޅަނގު އައްސޭރީގެ ރާމަﷲ ގެ އިރުމަތީގައި ހުރި އިސްރާއީލުގެ ޢަސްކަރީ މަރްކަޒަކަށް ހަތިޔާރުއެޅި ބަޔަކު ޙަމަލާދިން ކަމަށް ބުނެ އިސްރާއީލުން އެ ހިސާބުގެ އަވަށްތަކުގައި އަތްފުނާ އަޅަން ފަށައިފިއެވެ. އިސްރާއީލު ބުނާގޮތުގައި އެ ބަޔަކު ބަޑިޖެހުމުގެ ސަބަބުން އެއްވެސް މީހަކަށް ކަމެއް ނުވެއެވެ. 

މީގެ އިތުރަށް އިސްރާއީލު ސިފައިން މިއަދު ފަތިހު ވަނީ ނާބްލުސްގެ ހުޅަނގު ދެކުނުގައި އޮންނަ ޢޫރީފު ރަށަށް އަރައި އިސްރާއީލުގެ ޔަހޫދީ އާބާދީއެއް ކަމުގައިވާ ޢީލީއަށް އިއްޔެ ޙަމަލާ ދިން ފަލަސްޠީނު ދެ މީހުންގެ ގެ ބަލައި އެ ދެ ގެ ގޮއްވައިލުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްފައެވެ. ފަލަސްޠީނުގެ ދެ މީހަކު މި އާބާދީއަށް ދިން ޙަމަލާގައި ހަތަރު ޔަހޫދީއަކު މަރުވެ ހަތަރު މީހަކު ޒަޚަމުވިއެވެ. އިސްރާއީލު ސިފައިން ހާމަކުރި ގޮތުގައި މިއީ މި ޙަމަލާދިން މީހުންގެ ގެދޮރުތަޅައި ނައްތައިލުމަށް ޓަކައި ތައްޔާރުވާތައްޔާރުވުމެކެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި މި ޙަމަލާއާ ގުޅުންހުރި ތިން މީހަކު މިއަދު ހައްޔަރު ކުރިއެވެ. 

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ޢަސްކަރީފިޔަ ކަމުގައިވާ އަލްޤައްސާމު ފައުޖު ބުނާގޮތުގައި ޔަހޫދީ ޢީލީ އާބާދީއަށް އަރައި ޙަމަލާދިނީ އެ ފައުޖުގެ ހަނގުރާމަވެރީންނެވެ. މިއީ އިސްރާއީލުން ޖަނީނު ސަހަރަށް އަރައި ފަލަސްޠީނުގެ އަށް މީހަކު ޝަހީދުކޮށްލައި 45 މީހަކު ޒަޚަމުކޮށްލުމުން ދިން ބަދަލުހިފުމުގެ ޙަމަލާއެކެވެ.

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ޢީލީ އާބާދީއަށް އަރައި ޙަމަލާދިން މީހުންނަކީ ޢޫރީފު ރަށުގެ ބައެކެވެ. މި ޙަމަލާދިން ދެ މީހުން ވަނީ މި ޙަމަލާގައި ޝަހީދުވެފައެވެ.  

ޙަމާސުން ބުނާގޮތުގައި އެ މީހުން މި ދިން ޙަމަލާއަކީ އިސްރާއީލު ސަރުކާރަށް ފޮނުވި މެސެޖެކެވެ. ޖަނީނުގައި ހިންގި ޤަތުލުޢާންމަށް ދިން ރައްދެކެވެ. ޙަމާސުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢީލު ހަނިއްޔާ މި ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިސްރާއީލާ ދެކޮޅަށް ހުޅަނގު އައްސޭރި ތެދުވުމަށް ގޮވައިލެއްވިއެވެ. 

ޢީލީ އާބާދީއަށް މި ދިން ޙަމަލާއާ ގުޅިގެން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި ފޯރިމެރުން އިތުރުކޮށް އިތުރު ފައުޖުތައް އެ ހިސާބަށް ފޮނުވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *