Support Us

ނަޝީދު އެމް.ޑީ.ޕީން ވަކިވެވަޑައިގެންފި

އެމް.ޑީ.ޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމް.ޑީ.ޕީން މިއަދު ވަކިވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެމް.ޑީ.ޕީން މި ވަކިވެވަޑައިގަތީ، އެމަނިކުފާނަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރުން މަޖިލިހަށް ހުށަހަޅައިފައި ވަނިކޮށެވެ. ނަމަވެސް، މަޖިލިސްގެ ރައީސްގެ މަގާމަކުން ނަޝީދު އަދި އިސްތިއުފާއެއް ނުދެއްވައެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، މޫނުކެނޑިފައެވެ. މައިގަނޑު ސަބަބަކީ ނަޝީދު އަލުން ވެރިކަން ބޭނުންފުޅުވުމެވެ. އެހެންކަމުން އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވެސް ނަޝީދު ވަނީ ރައީސް ސޯލިހާ ވާދަކުރައްވައިފައެވެ. އެކަމަކު ޕްރައިމަރީން ނަޝީދު ވަނީ ބަލިވެފައެވެ.

ޕާޓީން ވަކިވެވަޑައިގެންކަން އިއުލާން ކުރައްވަން، ނޫ ގަލަމަކުން އަމިއްލަފުޅަށް ލިޔުއްވައި ސޮއިކުރައްވައިފައިވާ ނަޝީދުގެ ސިޓީ އެ މަނިކުފާނު ވަނީ ޓްވިޓަރގައި ހާމަކުރައްވައިފައެވެ.

"ރާއްޖޭގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އަޅުގަޑު ދިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ދިޔަ ޕާޓީން ވިކިވި ވާހަކަ ދެންނެވީމެވެ." އެމް.ޑީ.ޕީ ޗެއާޕާސަނަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ސިޓީގައި "ވަކިވި" ޖައްސަވައިފައި ވަނީ ވާވުގެ ފިލި ބަދަލުކޮށް، "ވިކިވި" ގޮތުގައެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމުގައި، އެމް.ޑީ.ޕީ ވެސް މިހާރު ވަނީ ދެފަޅިވެފައެވެ. މަޖިލީހުގައި ތިއްބެވި ނަޝީދަށް ވަފާތެރި 13 މެމްބަރަކު، އެމް.ޑީ.ޕީ ދޫކޮށްލައި މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެެއްދުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް މި ޕާޓީގެ ރަޖިސްޓްރީވިޔަ ނުދޭން ސަރުކާރުން ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނަށް ފިއްތުންތައް ކުރިމަތިކުރަމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.

ދެހާސް އަށް ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި ނަޝީދު، 2012 ފެބްރުވަރީ 7ގައި، ހަމަ މި ކަހަލަ ސިޓީއެއް އަމިއްލަފުޅަށް ލިއުއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު ވިދާޅުވީ އެއީ މަޖުބޫރުން ދެއްވި އިސްތިއުފާއެއް ކަމަށާއި އެއީ ބަޣާވާތެއް ކަމަށެވެ. އެއާއެކު ދެން ފެނިގެންދިޔައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ކޯޓުތަކުގައި ހުޅުޖަހަމުންދިޔަ ތަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *