Support Us

ޗުއްޓީ ތެރޭގައިވެސް ދީނީ ކަންކަމަށް ކުދިންނަށް ބާރުއެޅުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ޗުއްޓީ ތެރޭގައިވެސް ކުދިންލައްވައި ކަންކަންކުރުވައި ކަންކަން ދަސްކޮށްދިނުމަށް މަސައްކަތްކުރުމާއި ޚާއްޞަކޮށް ދީނީ ކަންކަމަށް ކުދިންނަށް ބާރުއަޅައިދިނުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ގްރެޖުއޭޝަން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ހޯލުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިންގެ ހުރި ހުނަރުތައް ދެނެގަނެ އެކަންކަން ތަރައްޤީކުރުމުގައި ބެލެނިވެރިން ބާރުއަޅައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުދިންނަކީ މަސައްކަތްތެރި ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ސްކޫލުތަކާއި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.

އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރާ ދަރިންތަކެއް އެކުލެވޭ ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދިނުމަަށް ވެސް އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ގްރެޖުއޭޓްވި ޔޫ.ކޭ.ޖީ1 އިން ފެށިގެން ޔޫ.ކޭ.ޖީ 8 އާ ހަމައަށް ހުރިހާ ކްލާސްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލަކީ 24 އޮކްޓޫބަރ 2021ގައި ހުޅުވުނު ޕްރީސްކޫލެކެވެ. މިހާރު 462 ދަރިވަރުން ތަޢުލީމު ހާޞިލުކުރަމުން އަންނައިރު އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ 36 ކުއްޖަކުވެސް ހިމެނެއެވެ.

މި ސްކޫލުގެ ގްރެޖުއޭޝަން 2022-2023ގައި ޖުމްލަ 198 ދަރިވަރުން ގުރެޖުއޭޓްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *