މި އަހަރު ރާއްޖެއިން ޙައްޖަށް ފުރާ އެންމެ ފަހު ގްރޫޕްގައި ހިމެނޭ މީހުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ފުރި ހަމަޖެހިފައިވާ ހައްޖާޖީންނާ އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހައްޖާޖީންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ހައްޖާޖީންނާ އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.
މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ.



advertisment