Support Us

ޔަހޫދީން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދުވެއްޖެ

މިއަދު ހެނދުނުހެނދުނާ އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖަނީން ފޭލިގެއަވަށަށް އަރައި ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދުވެ 45 މީހަކު ޒަޚަމުވެއްޖެއެވެ.

ފަލަސްޠީނުގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ހިނގި ކުރިމަތިލުން އިސްރާއީލު ސިފައިންގެ ހަތް މީހަކު ޒަޚަމުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. 

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ބަޔަކު ޒަޚަމުވީ ޖަނީނުގައި ފަލަސްޠީނުގެ ފިދާއީން ޖެހި ދަންތުރައެއްގައި ޖެހުމުގެ ސަބަބުންނެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އިސްސްރާއީލުގެ ސިފައިންގެ ތެރެއިން ޒަޚަމުވި މީހުންނަކީ ސަރަޙައްދީ ފާރަވެރީންގެ ބައެކެވެ. ޒަޚަމުވި ބައެއް މީހުންގެ ޒަޚަމުތައް މެދުމިންވަރެވެ. އަނެއްބައިމީހުންގެ ޒަޚަމުތައް ކުޑައެވެ. 

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި މި ކަމަށް ރައްދުދިނުމަށް ޓަކައި އިސްރާއިލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ހުޅަނގު އައްސޭރިއަށް ބޮންއަޅައިފައެވެ. މިއީ ވިއްސަކަށް އަހަރުގެ ތެރޭގައި އިސްރާއީލުން ހުޅަނގު އައްސޭރިއަށް ބޮންއެޅި ފުރަތަމަ ފަހަރެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލުގެ ޢަސްކަރީ ހެލިކޮޕްޓަރުތަކުން ޖަނީން ފޭލިއަވަށުގެ ޖާބިރިއްޔާ ސަރަހައްދަށް ވެސް ޙަމަލާތަކެއް ދިނެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުން ޖަނީން ފޭލިގެ އަވަށަށް އެރީ ހައްޔަރުކުރަން ޖެހިފައިވާ ފަލަސްޠީނު ދެ މީހަކު ހައްޔަރުކުރުމަށް ޓަކައެވެ. އިސްރާއީލު ބުނާގޮތުގައި ފަލަސްޠީނުގެ އެ ދެ މީހުން ވަނީ ހައްޔަރު ކުރެވިފައެވެ.  

އިސްރާއީލުން ބުނާގޮތުގައި އެމީހުން އަދިވެސް ދަނީ މި ފޭލިގެއަވަށުގައި "ޢަސްކަރީ ޙަރަކާތްތަކެއް" ހިންގަމުންނެވެ. މި ޙަރަކާތްތައް ހިނގަމުންދަނީ ވަޔާއި އެއްގަމު ސިފައިންގެ ޙިމާޔަތް ލިބިގެންނެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި އިސްރާއީލު ސިފައިންގެ އުޅަނދު ދަށަށް ބާރުގަދަ ގޮވާ އެއްޗެއް ލެވުނީ ކިހިނެއްތޯ މިހާރު ދަނީ  ބަލަމުންނެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ އުޅަނދު ގޮއްވައިލައިފައިވަނީ ޖަނީން ފޭލިގެ އަވަށުން ފައިބަމުންދިޔަ އިރުއެވެ. މި ކަން ކޮށްފައި ވަނީ 40 ކީލޯގެ ބޮޑު ބޮމަކުން ކަމަށް އިސްރާއިލުން ބުންޏެވެ. މި ޙަމަލާގެ ސަބަބުން ހަލާކުވި އާޓިލަރީ އުޅަނދަކީ ވަރަށް ޒަމާނީ ބާރުގަދަ އެކަތައިގެ އުޅަނދެކެވެ. މި އުޅަނދުގައި ތިބި ހުރިހާ ސިފައިން (7 މީހުން) ވަނީ ޒަޚަމުވެފައެވެ. އެމީހުން ހަސްފަތާލަށް އުފުލުމަށް ޓަކައި ހެލިކޮޕްޓަރުތައް އިސްރާއީލުން ފޮނުވިއެވެ.  

ޙަމާސްގެ ޙަމަލާއެއް

މި ޙަމަލާއާ ބެހޭގޮތުން ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަ ޢިއްޒައްދީން ޤައްސާމު ފައުޖު ބުނާގޮތުގައި ޖަނީން ފޭލިގެ އަވަށުގައި އެމީހުން ވަނީ އިސްރާއީލު ސިފައިންގެ އުޅަނދުތައް އެމީހުންގެ ދަންތުރައިގައި ރަނގަޅަށް ޖައްސައިފައެވެ. އެ ފައުޖުގެ ހަނގުރާމަވެރީން މި އުޅަނދުތަކުގައި ތިބިމީހުންނަށް ވަނީ ބަޑީގެ ވަޒަންތަކުން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނާގޮތުގައި ހަލާކުވި އުޅަނދުތައް ހުޅަނގު އައްސޭރީން ބޭލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

ޙަމަލާތަކާ ވިދިގެން ޙަމާސުން ބުނިގޮތުގައި ޖަނީނުގައި އިސްރާއީލު ސިފައިންނަށް ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. 

ފަލަސްޠީނު ސަރުކާރު ބުނިގޮތުގައި އިސްރާއީލުން ޖަނީން މަސްރަޙު ހޫނުކުރަމުންދާ ދިޔުމަކީ ޢުދްވާނީ ޢަމަލެކެވެ. އިސްރާއީލުގެ އިސްތިޢުމާރުގެ ސަބަބުން  ފަލަސްޠީނު ރައްޔިތުންނާ ކުރިމަތިވަމުންދާ މުޞީބާތްތައް ހުއްޓުވުމަށް ފަލަސްޠީނު ސަރުކާރުން އެމެރިކާއަށް ގޮވައިލިއެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އަޝްތިޔާ ވިދާޅުވިއެވެ. "އިސްރާއީލު ސިފައިން ޖަނީނަށް އެރުމުގެ ސަބަބުން މިއަދު ހެނދުނަކީ ލޭ އޮހޮރުވުމުގެ ހެނދުނެކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢު ހަމަހިމޭނުން އޮތުމުގެ ސަބަބުން އިސްރާއީލަށް ލިބެނީ ހިތްވަރެވެ." 

  މި މަސްއަލައާ މެދު ބަހުސްކުރުމަށް ޓަކައި ފަލަސްޠީނު ސަރުކާރުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. 

އިސްރާއީލުގެ ޢުދްވާނު މިޞްރުން ވެސް ކުށްވެރިކުރިއެވެ. މިޞްރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ސިފަކޮށްފައިވާ ގޮތުގައި އިސްރާއީލުން މަތިންދާބޯޓުންނާއި ހެލިކޮޕްޓަރުން ޖަނީނަށް ދިން ޙަމަލާއަކީ ޢުދްވާނެކެވެ. މި ފަދަ ޢުދްވާނުތަކުގެ ސަބަބުން މަސްރަޙު އިތުރަށް ކެކިގެންދިޔުން ނޫންކަމެއް ނުވާނެ ކަމަށް މިޞްރުން ބުންޏެވެ.    

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *