ޔުކްރޭނުން ނޭޓޯއަށް ވަންނަން ކުރާ މަސައްކަތުގައި އެމެރިކާއިން އަތްބާރުލުމެއް ނާޅާނެ ކަމަށާއި އެކަމުގައި އެއްވެސް ޚާއްޞަ ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ.
ބައިޑްން ވިދާޅުވިއެވެ. "އެ މީހުންގެ މައްޗަށް ވެސް އޮންނާނީ ހަމަ އެ މީޔާރުތަކެވެ. ރަޝިޔާއިން ޢަސްކަރީ ޙަމަލާއެއް ދެމުންދާ ޤައުމެއް ނޭޓޯއަށް ވެއްދުމުގެ މަސްއަލައިގައި އަހަރެމެން އެއްވެސް ލުއިކަމެއް ނުދޭނަމެވެ."
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާއިން އަވަށްޓެރި ބިލަރޫސަށް ނިޔުކްލިއަރ ހަތިޔާރުތައް ފޮނުވަމުންދާތީ އެކަން ކުށްވެރިކުރައްވާ ބައިޑްން ވިދާޅުވިއެވެ. "އެއީ އެއްވެސް ޒިންމާދާރުކަމެއް ނެތް ޢަމަލެކެވެ." އޭނާ ވިދާޅުވި ގޮތުގައި މިއީ މި ހުސްވި މާރިޗް މަހު ރޫސީ ރައީސް ޕޫޓިނާއި ބިލަރޫސްގެ ރައީސް ލޮކަޝިންކޯ އާ ދެމެދުގައި އެއްބަސްވެވުނު އެއްބަސްވުމުގެ މޭވާއެކެވެ.
ރައީސް ބައިޑްން މި ބަޔާން ދެއްވި ވަގުތަކީ މި އަންނަ ޖުލައި މަހުގެ 11 އިން 12 އަށް ލެޓްވޭނިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ އަހަރީ ސަމިޓަށް ތައްޔާރުވަމުންދާ ވަގުތެވެ. ރައީސް ބައިޑްންގެ މި ބަޔާނުން އެނގެނީ ޔުކްރޭން ނޭޓޯއަށް ވެއްދުމުގެ މަސްއަލައިގައި މެންބަރު ޤައުމުތަކަށް އެއްގަލަކަށް އެރިފައިނުވާ ކަމެވެ. އެމެރިކާއާއި ޖަރްމަނާއި ހަންގެރީ މި ކަމަށް ތާއީދެއް ނުކުރެއެވެ.
ނޭޓޯގެ އަމީންޢާންމު ސްޓޮލްޓެންބަރގް މި ދިޔަ ހުކުރުދުވަހު ވިދާޅުވިގޮތުގައި މި ސަމިޓްގައި ޔުކްރޭން ނޭޓޯއަށް ވެއްދުމަށް ދަޢުވަތެއް ނުދެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގުތު ކަނޑައެޅުމުން ޔުކްރޭން ނޭޓޯއަށް ވެއްދޭނެއެވެ. އެހެނަސް މި ސަމިޓްގައި ޔުކްރޭންގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.



advertisment