Support Us

ޕޫޓިންގެ ތަފާތު މެސެޖުތަކެއް

ރަޝިޔާ– ޔުކްރޭން ހަނގުރާމަ އިތުރަށް ހޫނުވަމުންދާ ވަގުތެއްގައި ޔުކްރޭނަށާއި ޔުކްރޭނަށް ކަންތައްތައް ރާވައިދީ ވިލަރެސްކޮށްދީ މަދަދު ފޯރުވާ ހުޅަނގުގެ ޤައުމުތައް ޝާމިލުވާ ގޮތަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން އެތައް މެސެޖްތަކެއް ދެއްވައިފިއެވެ.

އޭނާ މި މެސެޖްތައް ދެއްވީ ސޭން ޕީޓަރސްބަރގްގައި އިއްޔެ ހުޅުވުނު ބައިނަލްއަޤްވާމީ އިޤްދިޞާދީ މަހާސިންތާ ހުޅުއްވާދެއްވަމުން ދެއްވި ޚިޠާބުގައެވެ. މި މަހާސިންތާގައި އެތައް ރައީސުންނަކާއި ބޮޑެތި ޑިޕްލޮމެޓުންނަކާއި އިޤްތިޞާދީ މާހިރުންތަކެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޔުކްރޭން ހަނގުރާމަ ފެށުނީ 24 ފެބްރުވަރީ 2022ގައެވެ. މޮސްކޯ ބުނާގޮތުގައި މި ހަނގުރާމަ ހުއްޓޭނީ ނޭޓޯގެ މެންބަރަކަށް ވުމަށް ޔުކްރޭނުން ކުރާ މަސައްކަތްތައް ހުއްޓައިލި އިރަކުންނެވެ. މިއީ ޔުކްރޭން ބުނާގޮތުގައި އެޤައުމުގެ ސިޔާދަތާ ބެހުމެކެވެ. މިނިވަން ޤައުމެއްގެ ހައިސިއްޔަތުން ކޮންމެ ޖަމާޢަތަކާ ގުޅުމުގެ ފުރިހަމަ ޙައްޤު ޔުކްރޭނަށް  ލިބިގެން ވެއެވެ.

ޕޫޓިންގެ މި ޚިޠާބުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:-

  • މީގެ އެއް ހަފުތާ ކުރިން ޔުކްރޭނުން ފަށައިފައިވާ އިދިކޮޅު ޙަމަލާއަށް ކާމިޔާބު ލިބުމުގެ އެއްވެސް ފުރްޞަތެއް ނެތެވެ.
  • ރަޝިޔާގެ ސަރަޙައްދީ ރަށްތަކަށް ޔުކްރޭނުން ދެމުންގެންދާ ޙަމަލާތައް ހުއްޓައިނުލާ ކުރިއަށް ގެންދާނަމަ ޔުކްރޭނުގެ އެތެރޭގައި ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއް ޤާއިމުކުރާން ރަޝިޔާއަށް މަޖުބޫރުވެދާނެއެވެ.
  • ރަޝިޔާއަށް އިސްތިރާތީޖީ ނާކާމިޔާބީއެއް ކުރިމަތިކުރާން ހުޅަނގުން މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނެއެވެ. މި ކަން ޙާޞިލުކުރެވޭތޯ އެމީހުން ދަނީ ހުރިހާ ކަމެއް ކުރަމުންނެވެ. އަޅުގަނޑުމެން އެކަމަށް ޓަކައި މި ވަނީ ކުރަންޖެހޭ މަސައްކަތް ކަނޑައަޅައިފައެވެ. އެއީ ޔުކްރޭން އަތުން ހަތިޔާރުތައް ނިގުޅައިގަތުމެވެ.
  •  ޔުކްރޭނުން އުފައްދައިފައިވާ ހުރިހާ ހަތިޔާރުތަކެއް ވަރަށް އަވަހަށް ހުސްވެގެންދާނެއެވެ. އޭރުން އެމީހުންނަށް ބަރޯސާވާން ޖެހޭނީ ހުޅަނގުގެ ޢަސްކަރީ އެހީއަށާއި ހުޅަނގުގެ ހަތިޔާރުގެ މައްޗަށެވެ. ހުޅަނގުގެ ހަތިޔާރުގެ މައްޗަށް ބަރޯސާވެގެން އެމީހުންނަށް މާ ގިނަ ދުވަހަކު ހަނގުރާމައެއް ނުކުރެވޭނެއެވެ. އެހެނަސް އަޅުގަނޑުމެން މި ދަނީ ޢަސްކަރީ ޞިނާޢަތުގައި ކުރިއަރަމުންނެވެ. އަޅުގަނޑުމެންގެ އުފެއްދުން މި ވަނީ 10 ގުނައަށް އިތުރުވެފައެވެ.
  • ކިޔީވްގެ ރަށްބޭރުގައި ބަހައްޓައިފައިހުރި ޕެޓްރިއެޓް މިސައިލް ނިޒާމުތަކުގެ ފަސްބައިކުޅަ އެއްބައި ރަޝިޔާއިން ހަލާކުކޮށްލައިފައިވާ އިރު ޔުކްރޭންގެ ވެރިރަށް ކިޔީވްގެ ކޮންމެ އިމާރާތެއް ކޮންމެ މައިމަރްކަޒެއް ފުޑުފުޑުކޮށް ވައްޓައިލުމުގެ ބާރު ރަޝިޔާއަށް  ލިބިގެން ވާކަން ކަށަވަރެއް ނުވޭހެއްޔެވެ؟
  • ކްރެމްލިން ލަނޑުދަނޑިއަކަށް ހެދުމާއި ބެލްގޯރޯޑް ސަރަޙައްދަށާޢި އެ ސަރަޙައްދާ ފަށަލި ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގެ ބޭނުމަކީ އަޅުގަނޑުމެން ރުޅިއެރުވުމެވެ.
  •  އެންމެން އިންތިޒާރު ކުރަމުން ދަނީ އަޅުގަނޑުމެން ބަޓްނަށް ފިތައިލާނޭ ވަގުތަކަށެވެ. ހަނގުރާމައިގެ އިސް މައިދާންތަކުގައި އިސް އެއްވެސް ސަފެއްގައި ދުޝްމަނުންނަށް އެއްވެސް ކާމިޔާބީއެއް ޙާޞިލު ކުރެވިފައި ނުވާތީ އެކަމުގައި އަދި ލާޒިމުކަމެއް ނެތެވެ.
  •  ނޭޓޯ މިހާރު އެ ދަނީ ޔުކްރޭންގައި ހަނގުރާމައިގެ ތެރެއަށް ދަމާ ގެންދެވެމުންނެވެ. އެމީހުން ކިޔީވަށް ބަރުހަތިޔާރު ދެމުންދާތީއެވެ.
  • ހުޅަނގުން މިހާރު އެ ވިސްނަމުންދަނީ ޔުކްރޭނަށް އެފް-16 ގެ ހަނގުރާމަމަތީ މަތިންދާބޯޓު ދިނުމުގެ މަސްއަލައާ މެދުއެވެ. ޖަރްމަނުގެ ލެޕަރޑް މަރުކާގެ ޓޭންކްތައް ގޮއްވައިލައި ހަލާކުކޮށްލި ގޮތަށް ރަޝިޔާއިން އެ ބޯޓުތައް ވެސް ގޮއްވައިލާނެއެވެ. މި ބޯޓުތައް  ޔުކްރޭނުން ބޭރު ސަރަޙައްދެއްގައި ބަހައްޓައިގެން ރަޝިޔާއާ ދެކޮޅަށް ބޭނުންކުރާނަމަ ރަޝިޔާއިން އެ ވަސީލަތްތަކަށާއި އެ ވަސީލަތްތައް ހުރި ތަންތަނަށް ޙަމަލާދީ އެ ތަންތަނާއި އޭއްޗެހިތައް ހަލާކުކޮށްލާނެއެވެ.
  • ނޭޓޯގެ ޤައުމުތަކުގައި ހުރި ނިޔުކްލިޔަރ ހަތިޔާރަށްވުރެ ރަޝިޔާ އަތުގައި ހުރި ނިޔުކްލިއަރ ހަތިޔާރު މާ ގިނަކަން އެމެރިކާއަށާއި ހުޅަނގަށް އެނގޭނެއެވެ.
  • ހުޅަނގުން އެދެނީ މި ހަތިޔާރުތައް މަދުކުރުމަށެވެ. އެކަމެއް ނުކުރެވޭނެއެވެ. ރަޝިޔާގެ އަމްނާއި އަމާންކަން ޖާމިނުކުރުމަށް ޓަކައި ދިފާޢީ ހޭދަތައް އިތުރުކުރާން ރަޝިޔާއަށް ވަނީ ލާޒިމުވެފައެވެ.
  •  ރަޝިޔާއިން މިހާރު މި ވަނީ އަވަށްޓެރި ބިލޮރޫސިޔާގައި ޓެކްޓިކަލް ނިޔުކްލިއަރ ހަތިޔާރު ބަހައްޓައިފައެވެ. ކުރިއަށް އޮތް މަސްތަކުގައި އިތުރު ހަތިޔާރު ބެހެއްޓޭނެއެވެ.
  • ދުނިޔެ ދެކެމުންދާ ބަދަލުތަކަކީ ވަރަށް ފުން ވަރަށް އަސާސީ ބަދަލުތަކެކެވެ. އެކަމުގައި ރުޖޫޢަވުމެއްނެތެވެ.
  • އައު އިސްތިޢުމާރުގެ ހުތުރު ނިޒާމު ފަސްދީ ހިނގައްޖެއެވެ. އޭގެ ބަދަލުގައި މިހާރު އޮތީ ގިނަ ތަނޑިތަކެއް ހިމެނޭ ޢާލަމެކެވެ.
  • ރަޝިޔާ ކުރީން ވެސް އޮތް ފަދައިން ބައިނަލްއަޤްވާމީ މަސްރަޙުގައި ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *