ކުރިން ހަމަޖެހިފައިވާ ވަރަށްވުރެ އިތުރު ދެ ދުވަހު ރާއްޖޭގެ ރިސޯޓެއްގައި މަޑުކުރެއްވުމަށްފަހު، ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ސީޝެލްސްގެ ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ މި މަހު 11 ގައެވެ. ރައީސް އޮފީހުން ކުރިން ބުނެފައި އޮތީ، ފުރަމާނަ މި ދަތުރުފުޅަށްފަހު މި މަހު 14 ގައި ސީޝެލްސްގެ ރައީސްގެ ދެ ކަނބަލުން ފުރާވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ދަތުރުފުޅު ދިގުމެދިގެންދިޔަ ގޮތެއް ފަހުން ބުނެފައެއް ނުވެއެވެ.
ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރައްވައި ދެޤައުމުގެ ލީޑަރުން މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވާފައިވެއެވެ. އަދި އެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފައެވެ.
މި ފަރިއްކޮޅުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ ސީޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެ ދެ ބޭފުޅުން ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވާފައެވެ. ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޭޝަލްސްގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރާއްޖޭގެ ބައެއް ތަންތަނަށް އެ މަނިކުފާނު ޒިޔާރަތް ކުރެއްވިއެވެ.
މި ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެޤައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމާއި ދެ ޤައުމަށްވެސް ފައިދާ ހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.



advertisment