ރަޝިޔާއާއި އިމާރާތުގެ ގުޅުންތައް ކާމިޔާބުކަމާއެކު ދެ ޤައުމަށް މަންފާކުރަނިވި ގޮތަށް ތަރައްޤީވަމުން އަންނަ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ޕޫޓިން މި ކަން ހާމަކުރެއްވީ މިއަދު ޝައިޚް މުޙައްމަދު ބިން ޒާއިދާ ބައްދަލުކުރައްވަމުންނެވެ.
ސޭން ޕީޓަރސްބަރގްގައި ބޭއްވެމުންދާ އިޤްތިޞާދީ ސިންތާގެ ހަވާސާމަތީގައި ބައްދަލުކުރައްވަމުން ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި "އިމާރާތަކީ ވަރަށް ރަނގަޅު ބައިވެރިއެކެވެ."
ޔުކްރޭނިޔާގެ ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގެ މަސްއަލައިގައި އިމާރާތުން މުހިއްމު ދައުރެއް އަދާކުރާތީ ރައީސް ޕޫޓިން ޝައިޚު މުޙައްމަދު ބިން ޒާއިދަށް ޝުކްރު އަދާކުރެއްވިއެވެ.
އިމާރާތުގެ ރައީސް ހާމަކުރެއްވި ގޮތުގައި އޭނާ ރައީސް ޕޫޓިނާއެކު މަޝްވަރާކުރެއްވީ ރަޝިޔާއާއި އިމާރާތާ ދެމެދުގައިވާ އިސްތިރާތީޖީ ބައިވެރިވުންތައް ހަރުދަނާކުރުމާއި ފުޅައު ކުރުމާ ބެހޭގޮތުންނެވެ.އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން އަރާރުން ޙައްލުކުރުމަށް ޓަކައި ބޭނުންވާ ހުރިހާ އެހީއެއް ދިނުމަށް އަބޫ ޡަބްއި އޮތީ ތައްޔާރަށެވެ. ޔުކްރޭން މަސްއަލައިގައި އިމާރާތުން ހުޅަނގުގެ މަގަކުން ނުހިނގައެވެ. ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިއެއް ނުވެއެވެ. އޯޕެކް+ ޖަމާޢަތުގައި އިމާރާތަކީ ރަޝިޔާއާއެކު އެއްބާރުލަމުންދާ ޤައުމެކެވެ.
އިމާރާތުގެ ރައީސް ހާމަކުރެއްވި ގޮތުގައި އެ ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ވިޔަފާރި މިހާރު ވަނީ 2.5 ބިލިއަނުން ފަސް ބިލިއަނަށް އިތުރުވެފައެވެ.



advertisment