ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މެކަރޯން މިއަދު ރަސްމީކޮށް އެލިޒިޔާ ގަނޑުވަރުގައި ސުޢޫދީ ވަލީ ޢަހްދަށް ހޫނު މަރްޙަބާ ދަންނަވައިފިއެވެ.
ރައީސް މެކަރޯނާއި ބިން ސަލްމާނުގެ ރަސްމީ ވާހަކަފުޅު ދެއްކެވުންތައް މިއަދުގެ މެންދުރުގެ ރަސްމީ ޖާފަތުގެ ތެރޭގައި ބޭއްވިއެވެ.
ބަޙުސްކުރަން ހުރި ފައިލްތައް
ބިން ސަލްމާނު ރައީސް މެކަރޯނާއެކު ބަޙުސްކުރެއްވި ފައިލްތަކުގެ ތެރޭގައި ސަރަޙައްދީ މަސްއަލަތަކާއި ބައިނަލްއަޤްވާމީ މަސްއަލަތަކުގެ އިތުރަށް އެ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުންތައް ބަދަހިކޮށް ފުޅައުކުރުން ހިމެނެއެވެ. އެލިޒޭ ގަނޑުވަރުން ނެރުނު ބަޔާން ބުނާގޮތުގައި އެ ދެ ޒަޢީމުންގެ މަޝްވަރާތަކުގެ ތެރޭގައި "ސަރަޙައްދީ ހަމަޖެހުމާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ސަރަޙައްދީ ބޮޑެތި މަސްއަލަތައް" ހިމެނެއެވެ. އޭގެތެރޭގައި ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކުރުމާއި އީރާނުގެ ނިޔުކްލިޔަރ ފައިލާއި ޔަމަންގެ ހަނގުރާމައާއި ލުބްނާނުގައި ރައީސަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުން އެ ޤައުމާ ކުރިމަތިވެފައިވާ ގަޑުބަޑުކަމާއި ސޫރިޔާ ޢަރަބިވެށްޓަށް އަނބުރާ އައުންފަދަ މަސްއަލަތައް ވެއެވެ.
ފަރަންސޭސިވިލާތުން ވަނީ ސުޢޫދީ– އީރާން ގުޅުންތައް ރަނގަޅުވަމުން އަންނާތީ އެ ކަމަށް މަރްޙަބާ ކިޔައިފައެވެ. ބިން ސަލްމާނާއި އީރާނުގެ ރައީސް ރައީސީއާ ދެމެދުގައި ބޭއްވި ތެލެފޯން ބައްދަލުވުމާ ބެހޭގޮތުން ބިން ސަލްމާން ފަރަންސޭސި ރައީސަށް މަޢުލޫމާތު އަރުއްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
މި ހުސްވި މާރިޗް މަހު ޗައިނާގެ ބެލުމުގެ ދަށުން ސުޢޫދިޔާއާއި އީރާނާ ދެމެދުގައި އެއްބަސްވެވުނު އެއްބަސްވުމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި މިހާރު ވަނީ ސިޔާސީ ގުޅުން ޤާއިމުކުރެވި އެންބެސީތައް ހުޅުވިފައެވެ. ޚަބަރުތައް ބުނާގޮތުގައި ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ޠަހަރާނަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މިއިން ފާޅުވެގެންދާ ޙަޤީޤަތަކީ އެ ދެ ޤައުމުވެސް ޞުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭ ކަމެވެ.
ބިން ސަލްމާންގެ ފަރަންސޭސި ދަތުރުފުޅުން އެނގިގެންދާ ކަންތައްތަކުގެ ތެރޭގައި އެ ދެ ޤައުމުގެ ގުޅުންތައް ހަރުދަނާކުރުމަށް އެދޭކަމާއި ސަރަޙައްދީ ދާޚިލީ މަސްއަލަތަކާ ނުބެހުމުގެ ސިޔާސަތުގައި ސުޢޫދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތް ގުޅުންތައް ބަދަހިކޮށް ވިލަރެސް ކުރަން އެދޭކަން އެނގެއެވެ.
ދާޢިޝް ޖަމާޢަތުން ޢަރަބިވެށީގެ ތެރޭގައި ފަތުރަމުންދާ ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރިޔާޟާއި ޕެރިސް ކަށަވެތިވެފައިވާ ކަށަވެތިކަން ބިން ސަލްމާނާއި މެކަރޯން ކަށަވަރުކޮށް ދެއްވާނެއެވެ. ރިޔާޟުގައި އެންމެ ފަހުން ބޭއްވުނު ގަލްފުގެ ޚާރިޖީ ވަޒީރުންނާއި ބައެއް ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މި ފައިލާ ބެހޭގޮތުން ބަޙުސްކުރިއެވެ. މި ބައްދަލުވުމުގައި ފަރަންސޭސި ޚާރިޖީ ވަޒީރާ ކެތުރިން ކޮލޯނާ ބައިވެރިވެވަޑައިގެންނެވިކަން ފާހަގަ ކުރާންޖެހެއެވެ.
ސުޢޫދީ ޢަރަބިއްޔާއާއި ފަރަންސޭސި ވިލާތުން އިސްކަންދޭ ފައިލްތަކުގެ ތެރޭގައި ލުބްނާނު ހިމެނެއެވެ. މި ދިޔަ ޚަރީފު މޫސުމުން ފެށިގެން ލުބްނާނުގެ ރިޔާސަތު އޮތީ ހުސްކޮށްނެވެ. މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ފަސް މެންބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވައިލެވިފައެވެ. މި ކޮމެޓީގެ މެންބަރުންނަކީ ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި ޤަޠަރާއި އެމެރިކާއާއި ފަރަންސޭސިވިލާތެވެ. ފަރަންސޭސި ވިލާތުން ހުށައަޅަނީ ލުބްނާނުގެ ރައީސްކަމަށް ސުލައިމާން ފަރަންޖިއްޔާ އިސްކުރުމަށެވެ. ނަމަވެސް މިއީ ކަތާއިބުންނާއި ސިޔާސީ ބޮޑެތި އެތައް ޕާޓީތަކެއް ދެކޮޅު ހަދާކަމެކެވެ. ލުބްނާނުގެ ބަރްލަމާނުން މި ކަމަށް ޓަކައި ބޭއްވި އެންމެ ފަހު ޖަލްސާ ވަނީ މި ކަމުގައި ނާކާމިޔާބުވެފައެވެ.
ބައިނަލް އަޤްވާމީ ފައިލްތައް
ބައިނަލްއަޤްވާމީ ދާއިރާއަށް ބަލާއިރު މެކަރޯނާ ބިން ސަލްމާނުގެ މަޝްވަރާތަކުގައި އެންމެ އިސްކަންދެއްވާނީ ޔުކްރޭންގެ ހަނގުރާމައަށާއި މި މަހުގެ 22 އިން 23 އަށް ޕެރިހުގައި ބޭއްވޭ ސަމިޓަށެވެ. މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ މަސްރަޙު ވަނީ ވަރަށް ނުތަނަވަސްވެފައެވެ. ހަކަތައިގެ ބާޒާރަށާއި ކާބޯތަކެތީގެ ބާރަށް ވަނީ ލޮޅުން އަރައިފައެވެ. ސުޢޫދިޔާއާ ޚިލާފަށް ޕެރިހަކީ ޔުކްރޭނަށް ތާއިދުކުރާ ހުޅަނގުގެ ތަޙާލުފުގައި ހިމެނޭ އިސް ޤައުމެކެވެ.
ފަރަންސޭސިން ޔުކްރޭނަށް ދެމުންގެންދާ ޒަމާނީ ހަތިޔާރުތަކުގެ ސަބަބުން ޔުކްރޭން ހަނގުރާމައިގެ ހުޅުގަނޑު ދަނީ ބޮޑުވަމުން އިތުރަށް ފެތުރެމުންނެވެ. ސުޢޫދީ ޢަރަބިއްޔާއަކީ މި މަސްއަލައިގައި ވަކި ފަރާތަކަށް ނުޖެހި އޮވެ މަސްއަލަ ޞުލްޙަވެރިކަމާއެކު ޙައްލު ކުރުމަށް މަސައްކަތް ކުރާ ޤައުމެކެވެ.



advertisment