މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ޤައުމީ ފެންވަރުގައި "ވަރލްޑް ޔޫތް ސްކިލްސް ޑޭ" ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ވަނަ ދުވަސް "ވަރލްޑް ޔޫތް ސްކިލްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމާއި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ހުނަރުވެރި ޤާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން 2014 ޑިސެންބަރު 18 ގައި ފާސްކޮށްފައިވާ ޤަރާރާ ގުޅިގެންނެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.
ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އަދި އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދީ އެ ކަންކަން ފާހަގަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ މައިދާނުގައާއި ވަޒީފާގެ މައިދާނުގައި ޒުވާނުނަށް ގޮތް ނިންމުމުގެ ފުރުޞަތުލިބި މިހާރު އޮތް ވަޒީފާގެ ބާޒާރު ބަދަލުކުރުމުގެ ބާރުވެރިކަން ޒުވާނުންނަށް ލިބިގެންދާނެކަން މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
ޤައުމީ ފެންވަރެއްގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރަން ފެށުމުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި އަދި ވަކިން ޚާއްޞަކޮށް ތަފާތު ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ލިބުން ދަތި ޤައުމެއްގައި މިފަދަ ކަންކަމަށް ޒުވާނުން ޝައުޤުވެރިކުރުވައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެންދިއުންފަދަ ފައިދާތަކެއް ލިބިގެންދާނެއެވެ.



advertisment