އިޤްތިޞާދީ އެއްބާރުލުމުގެ ރާސްތާ ހުޅުވައިލުމަށާއި ވިޔަފާރީގެ އެންމެހާ ޙަރަކާތްތަކާއި ވުނަކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމަށް ސުޢޫދީ ޢަރަބިއްޔާއާއި ސޫރިޔާ އެއްބަސްވެއްޖެއެވެ.
މި ކަމަށް އެ ދެ ޤައުމު އެއްބަސްވީ ސޫރިޔާގެ ޗޭމްބަރު އޮފް ކޮމާރސްގެ ރައީސް މުޙައްމަދު އަބުލްހުދާ އައްލައްޙާމު ރިޔާޟުގައި ސުޢޫދީ ޗޭމްބަރު އޮފް ކޮމާރސްގެ ރައީސް ޙަސަން ބިން މުޢުޖަބުލް ޙުވައިޒީއާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.
ސުޢޫދީ ޢަރަބިއްޔާއިން ޢަރަބި ދުނިޔޭގެ އެއްބައިވަންތަކަމަށާއި ތަރައްޤީއަށްޓަކައި ކުޅެމުންދާ ދައުރަށް ސޫރިޔާ ވަފްދުގެ މެންބަރުން ޝުކްރު އަދާކުރައްވައި ތާރީފުކުރެއްވިއެވެ. ސުޢޫދީ ބާޒާރަށް ސޫރިޔާ ވަނުމަށް އެދޭ ކަމަށާއި ތަފާތު މަޝްރޫޢުތަކުގައި ވުނަކުރުމަށް ދިމަޝްޤު އެދޭ ކަމަށް ސޫރިޔާ ވަފްދުން ހާމަކުރިއެވެ. އެ ދެ ޤައުމުގެ ވިޔަފާރިވެރީންގެ ވަފްދުތަކަށް މަރްޙަބާ ކިޔުމަށާއި ވުނަކުރުމުގެ މައިދާންތައް ހުޅުވައިލުމަށް ދިމަޝްޤު އެދޭ ކަމަށް ސޫރިޔާ ވަފްދުން ބުންޏެވެ.
ސުޢޫދީ ނޫސް އޭޖެންސީ ވާސް ބުނާގޮތުގައި ސުޢޫދީ– ސޫރިޔާ ބައްދަލުވުން ބޭއްވުނީ ރިޔާޟުގައި ބޭއްވެމުންދާ ޢަރަބި– ޗައިނާ ވިޔަފާރިވެރީންގެ މަހާސިންތާގެ ހަވާސާ މަތީގައެވެ.



advertisment