ބްރެޒީލާއި އިންޑޮނޭޝިޔާއާއި ދެކުނު އެފްރިކާއިން ހުށައެޅި ޞުލްޙަޔާ ބެހޭ އެއްވެސް އިސްނެގުމަކާ އެއްގޮތަށް މޮސްކޯއާއި ކިޔީވާ ދެމެދު ވާހަކަދެއްކުންތައް ނުބޭއްވޭނެ ކަމަށް ޔުކްރޭންގެ ރައީސް އޮފީހުގެ މުޝީރު މިޚާއީލް ބޮޑޮލިޔަކު ވިދާޅުވެއްޖެއެވެ.
އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި "މިކަމަށް އެކަށީގެންވާ މުއައްސަސާއެއް އިންޑޮނީޝިޔާގައެއް ނެތެވެ. ބްރޒީލުގައެއް ނެތެވެ. އަދި އެފްރިކާގެ ޤައުމެއްގައެއް ވެސް ނެތެވެ."
އޭނާ ވިދާޅުވި ގޮތުގައި މި އިސްނެގުންތަކާ އެއްގޮތަށް ވާހަކަދެއްކުންތައް ބޭއްވުމަކީ "އެއްވެސް މާނައެއް އޮތްކަމެއް ނޫނެވެ."
އޭނާ ވިދާޅުވި ގޮތުގައި އެއީ "ޔުކްރޭނަށާއި ޔޫރަޕަށް ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި ކަމެކެވެ."
ޔުކްރޭނުގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ތަފާތު ޤައުމުތަކުން ދަނީ އިސްނެގުންތައް ހުށައަޅަމުންނެވެ. އިންޑޮނީޝިޔާގެ ދިފާޢީ ވަޒީރު ހުށައަޅުއްވަނީ ހަނގުރާމަ ހުއްޓުމަށާއި ހަތިޔާރު ގެންގުޅުން މަނާ 15 ކީލޯމީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށެވެ. އެއަށްފަހު ޞުލްޙަ ޤާއިމުކުރުމަށް ޓަކައި އދގެ ފައުޖެއް ރަޝިޔާ- ޔުކްރޭން ސަރަޙައްދީ ރޮނގު ކައިރީގައި ބޭއްވުމަށެވެ. ދެން އަރާރުން އުފެދިފައިވާ ސަރަޙައްދުތަކުގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައި އެ ސަރަޙައްދުތަކުގެ މަސްއަލަ ޙައްލުކުރުމަށެވެ.
ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ވިދާޅުވާ ގޮތުގައި ޞުލްޙައަށް ޓަކައި މަސައްކަތް ކުރާ ޚާއްޞަ ވަފްދެއް އެކުލަވައިލެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. މި ވަފްދުގައި އެފްރިކާގެ ހަތް ދައުލަތެއް ތަމްސީލުވެގެންދާނެއެވެ.
ބްރެޒީލްގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވާ ގޮތުގައި އޭނާ މި ހުންނެވީ މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ބައިނަލްއަޤްވާމީ ކޮމެޓީއެއް އެކުލަވައިލެއްވުމަށް ތައްޔާރަށެވެ.
އެހެނަސް ޔުކްރޭން ބުނާގޮތުގައި އެ ޤައުމުން ހުށައަޅާ ޞުލްޙައިގެ އިޖްރާއާތުތަކަކަށް މެނުވީ ކިޔީވް އެއްބަހެއް ނުވާނެއެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާރިޔާ ޒަޚަރޯވާ ވިދާޅުވާގޮތުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީ "ޞުލްހަ"އޭ ވިދާޅުވެ ހުށައަޅުއްވާ ހުށައެޅުމަކީ އެމެރިކާގެ ހުށައެޅުމެކެވެ. މި ހުށައެޅުމުގެ ސަބަބުން ޔޫރަޕް އިތުރަށް ކެކޭނެތެވެ.
ރޫސީ ރައީސްގެ ޚަބަރާބެހޭ ސެކްރެޓަރީ ބިސްކޯވް ވިދާޅުވާ ގޮތުގައި ޒިލެންސްކީގެ ހުށައެޅުއްވުމުގައި މަސްއަލައިގެ އަޞްލު ޙަޤީޤަތަށް ބައްލަވައިފައެއް ނުވެއެވެ.



advertisment