ވެށި ސާފުކޮށް ރައްކާތެރިކުރުމަށް އާބަންކޯގެ "މަށަންދަތި ޗެލެންޖު" ސްޓެލްކޯގެ މައްޗަށް ކޮށްފިއެވެ.
އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ތައާރަފުކޮށްފައިވާ ކްލީނަޕް ޗެލެންޖުގެ ދަށުން ދޭ ރަމްޒީ މަށަންދަތި ސްޓެލްކޯއާ ހަވާލުކުރެއްވީ އާބަންކޯއިން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގަ ކްލީނަޕް އިވެންޓަށްފަހުއެވެ. ސްޓެލްކޯ ޓީމަށް މި މަށަންދަތި ހަވާލުކޮށްދެއްވީ އާބަންކޯގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު އާތިފެވެ.
މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސް ދުވަސް ތެރޭގައި މެގަ ކްލީނަޕް އިވެންޓެއް ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖުކުރަންޖެހޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް "ރަމްޒީ މަށަންދަތި" ދޭންޖެހޭ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.
"މި ޗެލެންޖުގެ މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އަރބަންކޯއިން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމެވެ. އަދި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމެވެ." އާބަންކޯގެ ބަޔާނުގައިވެއެވެ.



advertisment