އީރާނުގެ ނިޔުކްލިޔަރ ބިނާރުގައި ނުބީހި އީރާނުގެ ނިޔުކްލިއަރ ޙަރަކާތްތަކާ ބެހޭގޮތުން ހުޅަނގާއެކު އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމަށް އީރާނުގެ ދީނީ އުއްތަމަ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ޒަޢީމުގެ މި ބަޔާން އައިސްފައި މި ވަނީ ނިޔުކްލިޔަރ އައު އެއްބަސްވުމަކާ ހަމައަށް އީރާނާއި އެމެރިކާއަށް ދެވެން އެބައުޅޭ ކަމަށް މީޑިޔާތަކުން ޚަބަރުތައް ފަތުރަމުންދާ ވަގުތެއްގައެވެ. މިފަދަ އެއްބަސްވުމަކާ ހަމައަށް ޠަހަރާނާއި ވޮޝިންގްޓަން ދިޔުމަކީ އިސްރާއިލު އެކަމާމެދު ކަންބޮޑުވުން ހާމަކުރާ ކަމެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އީރާނުން ނިޔުކްލިޔަރ ހަތިޔާރު ބިނާކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓައެއް ނުލާނެއެވެ.
ޚާމަނައީ މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ހުޅަނގާއެކު އެއްބަސްވުމަކާ ހަމައަށް ދިޔުމުގައި ނުބައެއް ނެތެވެ. އެހެނަސް އީރާނުގެ ނިޔުކްލިއަރ ޙަރަކާތްތަކުގެ އަސާސީ ބިނާރުގައި ބީހިގެން ނުވާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި ޖާމިނުވުންތަކުގެ ގިއުގަނޑުގެތެރޭގައި އދގެ ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީއާއެކު މަސައްކަތްތައް އީރާނުން ކުރިއަށް ގެންދާނެއެވެ.
އީރާނުގެ ދީނީ އުއްތަމަ ޒަޢީމު ޚާމަނައީ ވިދާޅުވި ގޮތުގައި އީރާނުން ނިޔުކްލިޔަރ ހަތިޔާރު އުފައްދަން ބޭނުންވެއްޖެނަމަ ހުޅަނގަށް އެ މަސައްކަތެއް ނުހުއްޓުވޭނެއެވެ.
އީރާނނުގެ ރަސްމީ މީޑިއާތައް ޚާމަނައީއާ ޙަވާލާދީ ބުނިގޮތުގައި އީރާނު އަތުގައި ނިޔުކްލިއަރ ހަތިޔާރު ހުރި ވާހަކައަކީ ހުޅަނގުން ހަދަމުންދާ ދޮގެކެވެ.
ޚާމަނައީ ވިދާޅުވިއެވެ. "އަހުރެމެންގެ ދީނީ ޢޤީދާ އަހުރެމެންނަށް އެ ކަން މަނާކުރެއެވެ. މިހެންވެ އަހުރެމެން ނިޔުކްލިޔަރ ހަތިޔާރު އުފައްދާކަށް ބޭނުމެއް ނޫނެވެ."
އީރާނާއި އެމެރިކާ ވަގުތީ ޙައްލަކާ ހަމައަށް އައުމަށް ކައިރިވެފައިވާ ކަމަށް ބުނާ މީޑިޔާ ޚަބަރުތައް އެމެރިކާއާއި އީރާނުން ދޮގުކުރެއެވެ. މި އެއްބަސްވުން ބުނާގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްފިނަމަ އީރާނުން ނިޔުކްލިޔަރ ޕްރޮގްރާމްތައް ކުޑަކޮށްލާނެއެވެ.



advertisment