ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢު ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް އިފުތިތާޙުކޮށްދެއްވައިފިއެވެ.
"ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައި.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުން" މަޝްރޫޢު އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު އިފުތިތާޙުކުރެވިގެންދިޔަ މަޝްރޫޢުގެ ސަބަބުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި މަޝްރޫޢުގެ ސަބަބުން މުޅި ޞިއްޙީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ ދަށުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރުމުގެ ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސިޔާސަތުގެ ދަށުން ގިނަކަންކަން މީހުން ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުންވެސް، މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅޭ އެއްވެސް މީހެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިއަދު މި އިފުތިތާޙުކުރެއްވި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލަށާއި ގިނަ ޞިއްޙީ މަރުކަޒުތަކަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.
ޞިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މިއަދު ޙަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 608 ކޮމްޕިއުޓަރ ސިސްޓަމާއި، 44 ލެޕްޓޮޕާއި، 500 ޓެބްލެޓާއި، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި 551 ޕްރިންޓަރެވެ.
"މިއަދު މި ޙަވާލުކުރި އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ފ. އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެއެވެ." ރައީސް އޮފީހުގެ ބަޔާނެއްގައި ވެއެވެ.



advertisment