Support Us

އައްޑޫ ސިޓީއަށް އަންނަ ކުރިއެރުމާއި ތަރައްޤީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރު: ރައީސް

އައްޑޫ ސިޓީއަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްޤީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްއަށް ހެޔޮބަދަލެއް ގެނައުމަށް ކުރަންޖެހޭ ކަންކަންނިންމައި ވަރަށް އަވަހަށް ސަރުކާރުން އެބަދަލުތައް އިޢުލާނުކުރާނެ ކަންވެސް ހާމަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާކަންތައްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ނުހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދީނީ ޤައުމުގައި ހަމަޖެހެން ޤާއިމުކުރުމަށްކަން ފާހަގަކުރައްވައި، ކުރިޔަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށާއި ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިޔަށް އޮތް ތަނުގައި އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *