Support Us

އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދީ ނާރެހުގެ ގޮތުގައި ތަރައްޤީކުރަންޖެހޭ: ރައީސް

މުޅި ރާއްޖެ ތަރައްޤީކުރުމަށް އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދީ ނާރެހުގެ ގޮތުގައި ތަރައްޤީކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގަން ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚަށް އަލިއަޅުވާލައްވަމުން އިނގިރޭސީން އައްޑޫއިން ފައިބައިގެން ދިޔަދުވަހުން ފެށިގެން، އައްޑޫގެ ތަރައްޤީ ދިޔައީ ފަހަތަށްކަން ފާހަގަކުރެއްވިއެވެ. އެކަން އަންގައިދޭ އެއްކަމެއްގެ ގޮތުގައި އިނގިރޭސީން އައްޑޫއިން ފޭބިތާ 66 އަހަރު ފަހުން މިއަދު ގަން ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރަން ފަށަންޖެހުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރާނީ ޒަމާނީ ހުރިހާ ވަޞީލަތްތަކާއެކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ކަމުގައެވެ. އަދި މި މަޝްރޫޢުއަކީ ދިވެހިރާއްޖެއާ އިންޑިއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢުއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިގްތިޞޯދު 10 އަހަރުން ދެގުނަކުރުމަށްޓަކައި ސަރުކާރުން އިންގިލާބީ މަޝްރޫޢުތަކެއް ކުރިޔަށްގެންދަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގަން އެއަރޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ ޚިދުމަތްތަކަށްވެސް ވިސްނުން ބަހައްޓައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއަރޕޯޓާއެކު ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯރޓް ކުރުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުއިތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ތަރައްގީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި މިއެއަޕޯރޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ޚިދުމަތާއެކު ގިނަ ތަކްލީފުތަކަށް ޙައްލު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެކަމާއި އަދި އޯގަސްޓު މަސްތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެކަން ވެސް ފާހަގަކުރައްވާފާއެވެ.

އައްޑޫ ސިޓީގެ ތަރައްޤީގެ ކަންކަން ކުރިޔަށްދާނީ އެކުއެކީގައިކަން ފާހަގަކުރައްވައި ހަންކެޑެގެ އިތުރަށް , ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރު ފަސް ރަށެއް ތަރައްޤީ ކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައިކަން ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *