Support Us

ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ: ރައީސް

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއްނަމަވެސް މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫޢާއެކު ތަރަޢްޤީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ރަސްމީގޮތުން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްލަ 1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. ހަމަ އެއާއެކު އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢާ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ދަނީ ހަންކެޑެ ތަރައްޤީކޮށް ނިމޭއިރު އެތަނާގުޅޭ ޕްލޭނާވެސް އެއްގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެކި ފަންތީގެ ފަތުރުވެރިކަމާ ގުޅޭ ވަޞީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްޤީކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ އިންޓަރގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު މި މަޝްރޫޢު ފެށުމުގެ. މަރުޙަލާގައި ވާކަމަށާއި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި. މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައެވެ. ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކެއް ނިމޭއިރު އައްޑޫ ސިޓީގައި 7000 ޓުއަރިސްޓް އެނދު އޮޕަރޭޓްކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު ، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށްގެންދިއުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިން ކޮންކްރިޓް އަޅައިގެން ހަނދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *