މިޞްރާއި ތުރްކީއާ ދެމެދުގައި ސިޔާސީ ގުޅުންތަކުގެ ފެންވަރު މަތިކޮށް ސަފީރުން އަވަހަށް ބަދަލުކުރުމަށް މިޞްރުގެ ރައީސް ސީސީއާއި ތުރްކީގެ ރައީސް އުރްދުޣާން ރޭ އެއްބަސްވެވަޑައިގަންފިއެވެ.
މިޞްރުގެ ރައީސް އޮފީހުން ރޭ ނެރުނު ބަޔާން ބުނާގޮތުގައި ރައީސް ސީސީ ރޭ ތުރްކީގެ ރައީސް އުރްދުޣާނާ ފޯނުން ގުޅުއްވާ އޭނާއަށް ތަހްނިޔާ ދެންނެވިއެވެ. ތުރްކީގެ ރައީސް އުރްދުޣާން މި ހެޔޮފުޅުކަމަށް ޓަކައި ޝުކްރު އަދާކުރެއްވިއެވެ.
މިޞްރުގެ ރިޔާސީ ތަރްޖަމާން ވިދާޅުވިގޮތުގައި ދެ ރައީސުންގެ ބައްދަލުކުރެއްވުމުގައި އެ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚި ފުން ގުޅުމަށް ބައްލަވައިލެއްވިއެވެ. އަދި މި ގުޅުން އަލުން ވަރުގަދަ ކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އެއްބަސްވެ ވަޑައިގަތެވެ. މި ކަމަށް ޓަކައި އެ ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ވަގުތުން މަތިކުރުމަށާއި ސަފީރުން ބަދަލުކުރުމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ.
ރައީސް އުރްދުޣާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއްސީސީ ތަހްނިޔާގެ ސިޓީފުޅެއް ވެސް ފޮނުއްވިއެވެ.
މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ މި ދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް އޫޣުލޫގެ ދަޢުވަތަކަށް ތުރްކީއަށް ވަނީ ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވައިފައެވެ. އަދި ތުރްކީގެ ވަޒީރު މާރިޗް މަހު ވަނީ މިޞްރަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
މިޞްރާ ތުރްކީއާ ދެމެދުގައި ސިޔާސީ ގުޅުންތައް އައުކުރެވުނީ މި ގުޅުން ދިހަ އަހަރުގެ މުއްދަތަކަށް ކެނޑިފައި އޮތުމަށް ފަހުގައެވެ. މި ގުޅުންތައް ކެނޑުނީ މިޞްރުގެ ރައީސް މުރްސީ ވެރިކަމުން ވައްޓައިލުމާ ވިދިގެންނެވެ.



advertisment