ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޢުމާނުގެ ރަސްގެފާނު ސުލްޠާން ހައިޘަމު ބިން ޠާރިޤު އީރާނަށް ވަޑައިގެންފިއެވެ. މިއީ އޭނާ އީރާނަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިއަދު ހަކަތައާއި އިޤްތިޞާދާ ބެހޭ ހަތަރު މުޢާހަދާއެއްގައި ސޮއިކުރިއެވެ.
އިރާނުގެ ރައީސް އިބްރާހީމު ރައީސީއާއި ޢުމާނުގެ ސުލްޠާން ހައިޘަމު ބިން ޠާރިޤާ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަދެއްކުންތަކުގައި ބަހުސްކުރައްވައިފައި ވަނީ އެ ދެ ޤައުމުގެ މަސްއަލަތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްއަލަތަކާ ބެހޭގޮތުން ކަމަށް އިރާނުން ބުންޏެވެ.
މިދިޔަ އަހަރުގެ މޭގައި އީރާނުގެ ރައީސް ރައީސީ ވަނީ ޢުމާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.އެ ދަތުރުފުޅުގައި 12 ފަހްމުނާމާއެއްގައި ވަނީ ސޮއިކުރައްވައިފައެވެ.
މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ކަށަވަރުކޮށްދެއްވި ގޮތުގައި އިރާނުގެ ރައީސާއި ޢުމާނުގެ ރަސްގެފާނުގެ ބައްދަލުކުރެއްވުމުގައި، ސަރަޙައްދީ ބަދަހި ގުޅުންތަކެއް އޮންނަންޖެހޭނެ ކަމަށް އެ ދެބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް އޮންނަންޖެހޭނެ ކަމަށް ވެސް އެއްބަސްވެވަޑައިގަތެވެ.
ޢަބްދުﷲޔާން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އީރާނުގެ ޚާރިޖީ ސިޔާސަތުގައި މަސްޤަޠަށް ވަރަށް މުހިއްމު މަޤާމެއް ލިބިފައިވެއެވެ.
ދެ ފަރާތުގެ އެއްބާރުލުން
އަނެއްކޮޅުން ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރުލް ބޫ ސަޢީދީ ވިދާޅުވާ ގޮތުގައި އަވަށްޓެރި ޤައުމުތަކާއެކު އީރާނުގެ ގުޅުން ރަނގަޅުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މުޅި ސަރަޙައްދަށް ހެވާއި ލާބަހުރި ކަމެކެވެ.
އަލްބޫސަޢީދީ ހާމަކުރެއްވި ގޮތުގައި ސަރަޙައްދީ ފައިލްތަކަށް ސުލްޙަވެރި ޙައްލުތަކެއް ގެނައުމަށް ޓަކައި އީރާނާއެކު ގުޅިގެން ޢުމާން މަސައްކަތް ކުރާނެއެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް އީރާނާއި ޢުމާނުން ގުޅިގެން މަސައްކަތް ކުރާނެއެވެ. މި އެއްބަސްވުންތަކުގެ އަސާސީ އަމާޒަކީ ތަފާތު މައިދާންތަކުގައި އެއްބާރުލުން ޤާއިމުކޮށް ތަރައްޤީކުރުމެވެ. މި މައިދާންތަކުގެ ތެރޭގައި ތެލާއި ގޭހާއި އައުކުރަނިވި ހަކަތައާއި ދަނޑުވެރިކަމާއި ޞިނާޢަތާއި ކަނޑުދަތުރުފަތުރު ހިމެނެއެވެ. މީގެ އިތުރަށް ޢުމާނާ އީރާނުގެ ކަނޑުގެ ބަނދަރުތަކުގެ މެދުގައި ސީދާ ގުޅުންތައް ޤާއިމުކުރުން ވެއެވެ.
ހަކަތައާއި މަޢުދަނުގެ މައިދާންތަކުގައި އެއްބާރުލުން ޤާއިމުކުރުމާބެހޭ ގޮތުން ދިރަސާތައް ކުރެވެމުންދަކަމަށް ޢުމާނުގެ ހަކަތަޔާއި މަޢުދަނާބެހޭ ވަޒީރު ސާލިމު ނާޞިރުލް ޢައުފީ ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ތެލާބެހޭ ވަޒީރު ޖަވާދު އޫޖީއާއެކު ހަންގާމު– ބަޚާ ގޭސް ދަނޑު ތަރައްޤީކޮށް އެ ދަނޑުން ޢުމާނަށް ގޭސް ބޭރުކުރުމާ ބެހޭ މަޝްރޫޢުތަކާމެދު ބަޙުސްކުރެވުނެވެ.



advertisment