Support Us

ބިލެތްދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވައިފި

ފ. ބިލެތްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ބިލެތްދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެތްދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެތްދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބިލެތްދޫ ކައުންސިލުން ވަނީ، މިސަރުކާރުން ބިލެތްދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމުގައި ވިދާޅުވެފައެވެ. އަދި ބިލެދޫއަށް މިސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއާއެކު ރައްޔިތުންގެ ފުރިހަމަ ޢިތުބާރާއި ތާޢީދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތް ކަމުގައި ކައުންސިލުން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ​އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ އަތޮޅުތެރޭގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައްކޮށްދީފައިވާ ސަރުކާރު ކަމަށާއި ފާއިތުވި 50 އަހަރު ބިލެތްދޫއަށް ލިބިފައި ނެތް ތަރައްޤީ މިސަރުކާރުގައި ލިބިގެން ހިނގައްޖެ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބިލެތްދޫގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ދަނޑާއި ވަޞީލަތްތައް ނެތުމާއި، ސްކޫލުގެ ލައިބްރަރީއެއް ޤާއިމްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންވަނީ މިސަރުކާރުން ކޮމިޓީތަކުގެ ހިންގުމަށް ގެނެސްދެއްވި ބަދަލުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮމެޓީތައް ހިންގުމަށް އޮތް ދަތިތަކާއި ހަރާކާތްތައް ހިންގުމަށް ދިމާވާ މާލީ ދަތިކަންވެސް އ.ތ.މ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލެތްދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ރަށުގެ ބިން ބޮޑު ކުރުންކަމަށާއި، ބަނދަރުގެ މަސައްކަތާ އެކު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާނެ ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *