Support Us

މަގޫދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވައިފި

ފ. މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މަގޫދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ރަށްރަށުގެ ތަރައްޤީއާ ގުޅުން ހުރި ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ މަގޫދޫއަށް މި ސަރުކާރުން ތަރައްޤީއާ ގުޅުންހުރި އެތައް ކަމެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރުންނާއި ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްތަކަށް ލިބޭ މާލީ ތަނަވަސްކަން އިތުރުކުރުމާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުންނާއި، މަގޫދޫ ޞިއްޙީ މަރުކަޒުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް މިހާރު ހުރި ދަތިތައް ޙައްލުކުރުމާއި، ރަށްގިރުމުގެ މައްސަލައާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލާއި، ޞިއްޙީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ޙައްލުކުރުމަށް ޚާއްޞަ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތް، ކުރިޔަށް އޮތްތަނުގައި އިސްކަންދޭ ރަށްރަށުގެ ލިސްޓުގައި ސަރުކާރުން މިހާރު ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާއެކު ބޭއްވި މިބައްދަލުކުރެއްވުމަށްފަހު، ވަނީ މަގޫދޫ އެއަރޕޯޓު ތަރައްޤީކުރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. މަގޫދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައި ވާއިރު، އެ އެއަރޕޯޓްގެ ރަންވޭ 1،800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *