ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިރޭ މަގޫދޫ ބަނދަރު ސަރަޙައްދުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަގޫދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ބޭނުންފުޅަކީ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުންކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން މަގުތައް ހެދުމާ ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން މިވަގުތަށް އިސްކަންދިނުމަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާާއަށް ދެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment