Support Us

މި ސަރުކާރުން މަގޫދޫގައި ތަރައްޤީގެ އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގާނެ: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ފ. މަގޫދޫގައި ތަރައްޤީގެ އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެވުމަށާއި އެ ރަށުގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ޖަލްސާ އޮތީ މިރޭ، މަގޫދޫ ބަނދަރު ސަރަޙައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރު އައުމުގެ ކުރިން މަގޫދޫ އޮތް ޙާލަތާއި އަދި މި ސަރުކާރުން މަގޫދޫގައި ހިންގާފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މަގޫދޫގައި މި ސަރުކާރުން އަދިވެސް ހިންގަވާނެ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މަގޫދޫގެ ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ.

މަގޫދޫގައި ހަދަމުންދާ އެއަރޕޯޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ އެއަރޕޯޓު ވެގެންދާނީ ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށް ކަމަށެވެ. އަދި މި އެއަރޕޯޓްގެ ޓަރމިނަލާއެކު ވީއައިޕީ ލައުންޖެއްވެސް ހެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަގޫދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެއް ކަމަށާއި، އެއަރޕޯޓްގެ ރަންވޭ 1،800 މީޓަރަށް ދިގުކުރުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއްވެސް ހެދިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަރލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމާ ގުޅޭ ގޮތުން ބަޔަކާ ވާހަކަދެކެވެމުން އަންނަ ކަމުގައިވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ ތަރައްޤީވުމުގެ އެންމެ މުހިންމު ސަބަބަކީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މަގޫދޫ ތަރައްޤީކުރުމުގައި ރައްޔިތުން ތިބެނީ އެއްބައެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި، މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދެވެ.

މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރީ އަލްޓެކް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާއެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ ދެ ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެއެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެއެވެ. މި މަޝްރޫޢަކީ ދިވެހިސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ.

މަގޫދޫ އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެއެވެ. އަލަށް ހެދުނު އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ ތިން މުވައްޒަފުން މަސައްކަތް ކުރާނެ ޖާގައެވެ. އަލަށް ހެދުނު އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް ޢިމާރާތެކެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަގޫދޫގައި ތިބި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އާންމު ރައްޔިތުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *