ވޭތުވެދިޔަ ހަފުތާއަށް ބަލާއިރު ޔުކްރޭން ސަރަޙައްދުތެރެއިން ލައިފައި ޢަސްކަރީ ޢުންޞުރުތަކެއް ރަޝިޔާތެރެއަށް ވަދެ ޙަމަލާތަކެއް ދޭން އުޅެފައިވާ ކަމަށް މޮސްކޯއިން ވަނީ އިޢުލާންކޮށްފައެވެ. މީގެ މާނައަކީ ކިޔީވުން ރަޝިޔާގެ އެތެރެއަށް ޔުކްރޭން ހަނގުރާމަ ފުޅައުކުރާން ފަށައިފިއެވެ.
ޢަމަލީ ގޮތުން މި ކަން ކުރިޔަސް ނުވަތަ ކުރުމަށް ރާވަމުން ދިޔަސް މިއީ ރަނގަޅު ހެޔޮ ފިޔަވަޅެއް ހެއްޔެވެ؟ ޖަރްމަނުގެ ދާރިސެއް ކަމުގައިވާ އެންޑްރިޔާސް ކްލޮތު މިކަމާ ބެހޭ ދިރާސާއެއް ކުރެއްވިއެވެ. އޭނާގެ މި ދިރާސާ ވަނީ ބްލޫމްބަރގްގައި ޝާއިޢުކޮށް ފަތުރައިފައެވެ.
ރަޝިޔާއިން ބުންޏެވެ. "ޔުކްރޭނުގެ ނިރުބަވެރީންނާއި "ފާޝީން" ރޫސީ ބިމަށް ޙަމަލާ ދީފިއެވެ. ޖަރްމަނުގެ ދާރިސް ވިދާޅުވާގޮތުގައި ރަޝިޔާއިން މި ބަޔާންތައް ނޭނގޭކަމަށް ހަދައިލެވިދާނެއެވެ. ރަޝިޔާގެ އެތެރޭގައި މި ޙަމަލާދިން ޖަމާޢަތް ވަނީ އެކަމުގެ ޒިންމާ އުފުލައިފައެވެ. މި ޖަމާޢަތުގައި ހިމެނެނީ ރޫސީ ސިފައިންގެތެރެއިން ވަކިވެ ޔުކްރޭނަށް ޓަކައި ހަނގުރާމަ ކުރާ ދެ ފައުޖެކެވެ. އެއް ފައުޖުގެ ނަމަކީ "ރަޝިޔާގެ ޙުއްރިއްޔަތު ފައުޖު" އެވެ. އަނެއް ފައުޖުގެ ނަމަކީ "ރަޝިޔާގެ ދަރުމަވެރި ފައުޖު" އެވެ. މި ފައުޖުގައި ހިމެނެނީ ޙައްދުފަހަނަޅައިފައިވާ ޤައުމީ ބައެކެވެ.
ކްލޮތު ވިދާޅުވެފައިވާ ގޮތުގައި ޕޫޓިނާ އިދިކޮޅު މި ޖަމާޢަތާ ބެހޭގޮތުން އެނގޭ މަޢުލޫމާތު ވަރަށް މަދެވެ. މި ޖަމާޢަތް މަސައްކަތް ކުރަނީ ޔުކްރޭންގެ އަމުރުތަކާ އެއްގޮތަށްތޯ ނުވަތަ އެއީ މިނިވަން ސިފައެއްގައި މަސައްކަތް ކުރާ ބައެއްތޯ އެނގޭކަށް ނެތެވެ.
ޔުކްރޭނުން ނަފީ ކުރޭ
ފެންނަފެނުމުގައި މި ފައުޖު އޮތީ "ބައިނަލްއަޤްވާމީ ފައުޖު" އާ ކޮންމެވެސް ވަރަކަށް ގުޅިފައެވެ. ބައިނަލްއަޤްވާމީ ފައުޖުގައި ހިމެނެނީ ބިދޭސީ ހަނގުރާމަވެރީންތަކެކެވެ. މިއީ ސްޕޭނުގެ އަހްލީ ހަނގުރާމައިގައި ޖެނެރަލް ފްރޭންޝިސްކީ ފްރޭންކޯއާ ދެކޮޅަށް ހަނގުރާމަކުރި "ބައިނަލްއަޤްވާމީ ފައުޖު" އާ އެއްފަދަ ފައުޖެކެވެ.
ރަޝިޔާގެ ސަރަޙައްދުތެރެއަށް ވަދެ މި ފައުޖުން ދިން ހަމަލާތަކާ ޔުކްރޭނާ އެއްވެސް ގުޅުމެއް ނެތްކަމަށް ކިޔީވުން ބުނެއެވެ. ޖަރްމަނުގެ ދާރިސު މިކަމާ ވިދިގެން ކުރެއްވި އެއް ސުވާލަކީ ރަޝިޔާގެ ސަރަޙައްދުގެ އެތެރެއަށް ވަދެ ބޮޑެތި ޙަމަލާތަކެއް ދިނުމުގެ އިސްތިރާތީޖީ ފައިދާއަކީ ކޮބައިހެއްޔެވެ؟
ތާރީޚުން ފެންނަ ދަރުސްތަކަށް ބަލާއިރު ޢަސްކަރީ އިސްވާރުން ދިފާޢީ ހަނގުރާމަތައް ކުރެއްވީ މިފަދަ ގޮތަކަށެވެ. އެބޭފުޅުން ކުރެއްވި މިފަދަ ހަގުރާމަތަކުން އެނގެނީ ޙަމަލާދޭ ޤައުމުގެ އެތެރޭގެ ބޭސްތަކަށް ޙަމަލާތައް ދިނުމުން ޙަމަލާދޭ ޤައުމަށް އެ ޤައުމުގެ ސިފައިން ނުވަތަ ސިފައިންގެ ބައެއް ބާލަން މަޖްބޫރު ވާނެކަމެވެ. އެއީ ޤައުމުގެ އެތެރެ ޙިމާޔަތް ކުރުމަށް ޓަކައެވެ.
މިފަދަ ސީނާރިޔޯއެއް މީލާދީ ތާރީޚުގެ ކުރިން 210 އާއި 202 އާ ދެމެދުގައި ހިނގައިފައި ވެއެވެ. ޤަރްޠާޖަންނަގެ ލަޝްކަރުގެ އިސްވާރު ޙަނަޢުބަލް އަށް އަހަރުވަންދެން ރޯމަށް ޙަމަލާދެއްވަމުން ގެންދެވުމުން ރޯމަން ލަޝްކަރުގެ އިސްވާރު ސްކީޕިޔޯ ޢަމަލު ކުރެއްވީ މި ގޮތަށެވެ. އޭނާ ރޯމަން ލަޝްކަރާއިގެން އައިބީރިޔާއަށް ވަޑައިގެން ޙަނަޢުބަލްގެ ބޭސްތައް ހިއްޕެވިއެވެ. އެއަށްފަހު އެތައް އަހަރެއް ފަހުން މެޑިޓެރޭނިއަން ކަނޑު ހުރަސްކުރައްވާ ޤަރްޠާޖަންނައަށް ޙަމަލާ ދެއްވިއެވެ. އެހިނދު ޙަނަޢުބަލަށް ރޯމް ދޫކޮށްލައްވައިފައި އޭނާގެ ލަޝްކަރައިގެން ޤަރްޠާޖަންނަ ދިފާޢު ކުރައްވަން ވަޑައިގަންނަވަން މަޖްބޫރުވެ ވަޑައިގަތެވެ. ދެ ލަޝްކަރުގެ ދެމެދުގައި ހިނގި ހަނގުރާމައިގައި މޮޅުވީ ރޫމީންނެވެ.
ރަޝިޔާގެ އެތެރޭގައި ހަނގުރާމައިގެ މައިދާންތަކެއް ޔުކްރޭނުން ޤާއިމުކޮށްފިނަމަ ރަޝިޔާގެ ލަޝްކަރުން ބައެއް ޔުކްރޭނުން ބާލުއްވަން ޕޫޓިނަށް މަޖްބޫރުވެވަޑައިގަތްފާނެއެވެ. އޭރުން ރަޝިޔާ ހިފައިފައިވާ ބިންތައް ޔުކްރޭނުންނަށް އަތުލެވޭނެއެވެ. ރަޝިޔާގައި ޕޫޓިންގެ މަޤާމު ބަލިކަށި ވެގެންދާނެއެވެ. އޭނާއާ ދެކޮޅަށް އިންޤިލާބެއް ވެސް ގެންނަން މަސައްކަތްކޮށްފާނެއެވެ.
އެހެނަސް ޔުކްރޭނަކީ ޤަދީމީ ރޯމެއް ނޫނެވެ. ރަޝިޔާއަކީ ޤަރްޠާޖަންނައެއް ނޫނެވެ. ޕޫޓިނަކީ ޙަނަޢުބަލެއް ނޫނެވެ.ޕޫޓީންގެ އަތްޕުޅުގައި ނިޔުކްލިޔަރ ހަތިޔާރުގެ ބޮޑު ކޮށާރެއް އެބަ އޮތެވެ. ރަޝިޔާގެ ޤައުމީ ސަލާމަތާ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މި ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިންޒާރު ވަނީ ދެއްވައިފައެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. ރަޝިޔާގެ ޢަސްކަރީ ޢަޤީދާ ބުނާގޮތުގައި ރޫސީ ދައުލަތް ނުރައްކަލަކަށް ހާސާވެއްވެއްޖެނަމަ ދައުލަތް ދެމެހެއްޓުމަށް ޓަކައި ނިޔުކްލިޔަރ ހަތިޔާރުގެ ބޭނުންކުރެވޭނެއެވެ. ޕޫޓިން ދެކެވަޑައިގަންނަވާގޮތުގައި އޭނާއަކީ ރަޝިޔާއެވެ.އަދި ރަޝިޔާއަކީ އޭނާއެވެ. އެހެންކަމުން އޭނާ ބަލިވެވަޑައިގަންނަވާ ކޮންމެ ޙާލަތެއްގައި މި ހަތިޔާރު ނަންގަވާނެއެވެ.
ދިފާޢީ ހަނގުރާމައަށް ކަށަވެތިވުން
ޖަރްމަނުގެ މި ދާރިސް ވިދާޅުވާ ގޮތުގައި ހަނގުރާމައަށް ތައްޔާރުވެފައިވާ މިންވަރަށް ބަލާއިރު ޔުކްރޭނަކީ ދުނިޔޭގައި އެންމެ ރަނގަޅު ލަޝްކަރު އޮތް ޤައުމެވެ. އެއީ ހުޅަނގުން ދާއިމީ މަދަދު ލިބެމުންދާތީއެވެ. އެމެރިކާގެ ވައިގެ ދިފާޢީ މިސައިލްތަކުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢުކުރެވޭނޭތީއެވެ. ޖަރްމަނުގެ ޓޭންކްތައް ބޭނުންކޮށްގެން ރޫސީ ސިފައިންނާ ދެކޮޅަށް ބިމުގައި ޙަމަލާތައް ކުރިއަށް ގެންދެވޭނޭތީއެވެ. އެމެރިކާގެ އެފް16ގެ މަތިންދާބޯޓުތަކުން ވައިގެ ހަނގުރާމަތައް ކުރެވޭނެތީއެވެ.
އެހެނަސް މި ކަންކަން ބަލައިގަނެވޭނީ ޔުކްރޭނުން އެ ޤައުމުގެ ބިން ދިފާޢުކުރާނަމައެވެ. ހުޅަނގުގެ އެންމެ ބޮޑު ބިރަކީ ނޭޓޯއަށް ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަށް ވަންނަންޖެހިދާނެތީއެވެ. މިފަދަ ޙާލަތެއްގައި މި ހަނގުރާމަ ބަދަލުވެގެންދާނީ ތިންވަނަ ބޮޑުހަނގުރާމައަށެވެ.
ޖަރްމަނުގެ މި ދާރިސް ވިދާޅުވާ ގޮތުގައި ޔުކްރޭނުން ޙަމަލާދިނުމުގެ ވިސްނުމަށް މިސްރާބު ޖަހައިފިނަމަ ހުޅަނގުގެ ބައެއް ޤައުމުތަކުން ޔުކްރޭނަށް އެހީވުން ހުއްޓައިލާނެއެވެ.
މިފަދަ ޙާލަތުގައި ނޭޓޯއިން ހަނގުރާމައިގެތެރެއަށް ވަދެއްޖެނަމަ އެފްރިކާއާއި އޭޝިޔާގެ (ތިންވަނަ ދުނިޔޭގެ) ޤައުމުތައް- މި ވަގުތު ވަކި ފަރާތަކަށް ނުޖެހި އޮތަސް- ރަސްމީކޮށްނާއި ޢަމަލީކޮށް ރަޝިޔާއަށް ތާއީދުކޮށް ވާގިވެރިވާން ފަށާނެއެވެ.
ކްލޮތު ވިދާޅުވާގޮތުގައި އެންމެ ރަނގަޅުވާނީ ސްކީޕިޔޯ ގެ އިސްތިރާތީޖީއަށް ތަބާވުމެވެ. އެއީ ރަޝިޔާއިން 2014ގައި ހިފައިފައިވާ ކްރިމިޔާ ސަރަޙައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރުމެވެ. ސީދާ އެ ސަރަޙައްދަށް ޙަމަލާދީގެންނެއް ނޫނެވެ.ޒަބަރޯޖިޔާއާއި އާޒޯވް ކަނޑު އަނބުރާ ހިފައިގެންނާއި ލޮގަންސްކް ސަރަޙައްދާ ކްރިމިޔާ ގުޅުވުމަށް ރަޝިޔާއިން ހަދައިފައިވާ ބޮޑު ފާލަން ބަންދުކޮށްގެންނެވެ. އޭރުން ޚަރްސޫނާއި ކްރެމިޔާގައި ތިބި ރޫސީ ސިފައިން ތިބޭނީ ހިރާސަށް ހާސާވެފައެވެ.
މި ޙާލަތުގައި ރައީސް ޕޫޓިން ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ބާއްވަވަން ޤަބޫލުފުޅު ވާނެއެވެ.
މިއާޚިލާފަށް ރަޝިޔާގެ އެތެރެއަށް ވަދެ ޙަމަލާތައް ދޭން ފަށައިފިނަމަ ވާހަކަދެއްކުންގެތެރެއަށް ވަދެވަޑައިގަންނަވަން ޕޫޓިނަށް ދަތިފުޅުވާނެއެވެ. ރަޝިޔާ ދިފާޢު ކުރުމަށް ޓަކައި ހަނގުރާމަ ކުރިއަށް ގެންދަވަން މަޖްބޫރުފުޅުވާނެއެވެ.
ކްލޮތު ވިދާޅުވާ ގޮތުގައި ޔުކްރޭނުން ރަޝިޔާގެ އެތެރެއަށް ޙަމަލާދީގެން ނުވާނެއެވެ. ޕޫޓީނާ އިދިކޮޅު ޢަސްކަރީ ޖަމާޢާތްތަކަށް ހިތްވަރުދީގެން ނިރުބަވެރި ޙަމަލާތައް ދީގެން ނުވާނެއެވެ. ޔުކްރޭނަށް އެންމެ ރަނގަޅު ވާނީ އެ ޤައުމުން މި ކުރާ ހަނގުރާމައަކީ ދިފާޢީ ހަނގުރާމައެއްކަން ދުނިޔެއަށް ސާފުކޮށް ހާމަކޮށްދޭފަދަ ގޮތަކަށް ހަނގުރާމަ ކުރުމެވެ.
ޔުކްރޭންގެ އިސްތިރާތީޖީއެއް ކަމުގައި ހަދަން ޖެހޭނީ ދުނިޔޭގެ ތާއީދު އިތުރު ކުރުމެވެ. އެއާއެކު ރަޝިޔާއިން ހިފައިފައިވާ ބިންތަކުން ވީހާ ބޮޑު ބައެއް ހިފުމަށް މަސައްކަތް ކުރުމެވެ.



advertisment