Support Us

އީރާނާއި ބެލްޖިއަމާ ދެމެދު ކުށްވެރިން ބަދަލުކޮށްފި

ޢުމާން މެދުވެރިވެގެން އީރާނާއި ބެލްޖިއަމާ ދެމެދުގައި އިއްޔެ ކުށްވެރިން ބަދަލުކުރުމުން އެކަމާ ދެކޮޅަށް ޔޫރަޕްގެ ބައެއް ޤައުމުތަކުންނާއި އީރާނުގެ އިދިކޮޅު ޖަމާޢަތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. 

ޢުމާނުގެ ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާނެއް ބުނާގޮތުގައި ބެލްޖިއަމުން ދޫކޮށްލި މީހަކީ އީރާނުގެ ޑިޕްލޮމެޓެއް ކަމުގައިވާ އަސަދުﷲ އަސަދީއެވެ. 

ޖަރްމަނުން އަސަދީ (ފޮޓޯގައި) ހައްޔަރުކުރީ 2018ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ބްރަސަލްސް އާ ހަވާލުކުރިއެވެ. ތަނެއް ގޮއްވައިލަން އުޅުނުކަމުގެ ތުހްމަތުގައި ހައްޔަރުކުރި އަސަދީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުނެ 20 އަހަރުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ނިޔާ ކަނޑައެޅީ 2021 ގައެވެ. 

އީރާނުގެ އިދިކޮޅު ޖަމާޢަތްތައް ބުނާގޮތުގައި އަސަދީއަކީ ޔޫރަޕްގައި ނިރުބަވެރި އެތައް ޙަމަލާތަކެއް ދީފައިވާ ނިރުބަވެރިއެކެވެ. 

އަސަދީގެ ބަދަލުގައި އީރާނުން ދޫކޮށްލި ބެލްޖިއަމުގެ މީހަކީ  އޮލީވިޔޭ ވެންޑަކާސްޓެލް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ބެލްޖިއަމްގެ އެހީ ޖަމްޢިއްޔާއަކުން އީރާނަށް ފޮނުވި އެ ޖަމްޢިއްޔާގެ މުވައްޒަފެކެވެ. ޖާސޫސްކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެގެން އޭނާ ވަނީ 40 އަހަރަށް ޖަލަށްލުމަށާއި 74 ފަހަރު ދުއްރައިން ތެޅުމަށް ޙުކުންކޮށްފައެވެ.

ބެލްޖިއަމާއި އީރާނުން ވެސް މި ތުހްމަތުތަކާ ދެކޮޅު ހަދައެވެ.

ހުޅަނގުގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އީރާނުން އޮލީވިޔޭ ވެންޑަކާސްޓެލް ހައްޔަރުކުރީ ބެލްޖިއަމުން އަސަދީ ކުށްވެރިކޮށް ޖަލަށްލުމުންނެވެ. 

އީރާނުގެ ރަސްމީ ޓީވީ ބުނިގޮތުގައި އަސަދީ އިއްޔެ އީރާނަށް އަތުވެއްޖެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދުﷲޔާން އޭނާގެ ޓުވިޓަރުގައި ލިޔުއްވައިފައިވާ ގޮތުގައި އަސަދީއަކީ ޤާނޫނާ ޚިލާފަށް ހުޅަނގުން ހައްޔަރު ކުރި މަޢުޞޫމު ޑިޕްލޮމެޓެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެތެރޭގައި އޭނާ ހައްޔަރެއް ނުކުރެވޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *