Support Us

މޯސާދުގެ ޖާސޫސީ ވިއުގައެއް ތުރްކީން ރޫޅައިލައިފި

އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު) އިން ތުރްކީގައި ހިންގަމުންދިޔަ ޖާސޫސީ ވިޔުގައެއް ތުރްކީގެ ޖާސޫސީ އިދާރާއިން ރޫޅައިލާ އެ ވިއުގައިގެ އިސްވާރާއި އޭނާއާއެކު މަސައްކަތްކުރަމުން ދިޔަ 12 މީހަކު ހައްޔަރުކޮށްފިއެވެ.

ތުރްކީން ހާމަކުރިގޮތުގައި މި ވިއުގައިގެ އިސްވާރަކީ ސަލްޖޫޤު ކޮޖޮކާޔާ ނަމަކަށް ކިޔާ ތުރްކީ މީހެކެވެ. މި މީހާއަށާއި އިތުރު 12 މީހަކަށް މޯސާދުން ޖަސޫސީ މަސައްކަތްތައް ތުރްކީގެ އެތެރޭގައި ކުރުމަށް ޓަކައި ތަމްރީނު ދީފައިވަނީ ޔޫރަޕްގައެވެ.

ތުރްކީގެ އަޤްސާމު ދުވަހު ނޫސް ބުނާގޮތުގައި ތުރްކީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ތުރްކީގެ ޖާސޫސީ އިދާރާ ގުޅިގެން މި މަސްއަލަ ތަޙްޤީޤުކޮށް ނިންމައިފައި ވަނީ 18 މަސްދުވަހުގެ ތެރޭގައެވެ.

މޯސާދުން މި މީހުން ލައްވާ ޖާސޫސީ މަސައްކަތްތައް ކުރުވައިފައިވަނީ ތުރްކީގެ ކުންފުންޏަކާއި 23 މީހަކާ ބެހޭ މަޢުލޫމާތު ހޯދައި އިސްރާއީލަށް ފޯރުކޮށްދިނުމަށެވެ. މި 23 މީހުންނަކީ އީރާނާއެކު ވިޔަފާރީގެ މުޢާމަލާތުތައް ކުރަމުން ދިޔަ ބައެކެވެ.

މި ވިއުގަ ރޫޅައިލެވުނީ މި ވިއުގައިން އަމާޒުކޮށްފައިވާ މީހަކަށް ފޮނުވި އިންޒާރުގެ ސިޓީއެއްގެ ސަބަބުންނެވެ. އޭނާގެ ފިޔަވަޅުތަކަށް ތުރްކީގެ ޖާސޫސީ އިދާރާއިން ދޮޅު އަހަރުވަންދެން ފާރަލަމުންގޮސްފައި ވެއެވެ.

މޯސާދާ ހަމައަށް ދެވުނީ ގޮލަންގެ ޖަމްޢިއްޔާތެރެއިން

އަޤްސާމު ދުވަހު ނޫސް ހާމަކުރިގޮތުގައި މޯސާދަށް މި ވިއުގައިގެ އިސްވާރު ސަލްޖޫޤު ކޮޖޮކާޔާ ތަޢާރުފުކޮށްދިނީ ފަތަޙުﷲ ގޮލަންގެ ޖަމްޢިއްޔާގެ މެންބަރެއްކަމުގައިވާ ސީރުކާން އޫޒްދަމީރެވެ. އޭނާއާއެކު ތުރްކީ ޢަސްކަރީ ބާރުގެ ކުރީގެ ސިފައިންގެ މީހަކުވެސް މި ކަމުގައި ބައިވެރިވެފައި ވެއެވެ.

މި ނޫސް ބުނާގޮތުގައި ކޮޖޮކާޔާ މޯސާދުގެ އަމުރުތައް އަކުރުންއަކުރަށް ތަންފީޒުކުރަމުން ދިޔައެވެ. މޯސާދުގެ އޭޖެންޓުން މީނާއާ ބައްދަލުކުރަމުން ގޮސްފައި ވަނީ ތުރްކީން ބޭރުގައި ޔޫރަޕްގެ ތަފާތު ޤައުމުތަކުގައެވެ.މޯސާދަށް މީނާ ވަފާތެރިވާނެކަން ޔަޤީން ވުމުން އޭނާއަށް ޖަސޫސީ މަސައްކަތް ޙަވާލުކުރީ ފަސްވަނަ ބައްދަލުވުމަށް ފަހުގައެވެ. އޭނާއާ ޙަވާލު ކުރި މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަމްރީނު އޭނާއަށް ވަރަށް ފުރިހަމައަށް ދިނެވެ.

އޭނާއަށް ކުރަން ޖެހުނު މަސައްކަތްތަކުގެ ތެރޭގައިު މޯސާދުން އަމާޒުކޮށްފައިވާ މީހުންގެ ޙަރަކާތްތަކަށް ފާރަލައި ބެލުންވެއެވެ. އެ މީހުންނާއި އެ މީހުންގެ ޢާއިލާތަކުގެ ފަރްދުން ތުރްކީން ބޭރަށް ދާ ތާރީޚުތަކާއި ތުރްކީއަށް އެނބުރި އަންނަ ތާރީޚުތަކާއި އެމީހުންގެ ބޭންކު އެކައުންޓުތަކާއި އެމީހުންގެ ފޯން ކޯލްތައް ވަގަށް އަޑުއަހައި މި ކޯލްތަކުގައި ހިމެނޭ ތަފްޞީލުތައް މޯސާދަށް ފޮނުވުން ވެއެވެ.

ތަޙްޤީޤުތަކުން އެނގުނު ގޮތުގައި ކޮޖޮކާޔާގެ ހަތާގައި 15 މީހަކު ވެއެވެ. ކޮޖޮކާޔާއާއި އޭނާގެ ހަތާގައި ހިމެނޭ އަނެއް 14 މީހުންގެ ތެރެއިން 12 މީހަކު ތުރްކީގެ ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. ބާކީ ތިބި ދެ މީހުން ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *