Support Us

ޤަރަބާޣު ސަރަޙައްދުގެ މަސްއަލަ ޙައްލުކުރުމަށް ރަޝިޔާ, އަރްމީނިޔާ, އަޒަރުބައިޖާން ސަމިޓެއް

އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދުގައި އަރާރުން އުފެދިފައިވާ ޤަރަބާޣު ސަރަޙައްދުގެ މަސްއަލަ ޙައްލުކުރުމަށް މަސައްކަތް ކުރެއްވުމަށް ޓަކައި ރަޝިޔާގެ ސޫޗީ ސަހަރުގައި ރައީސް ޕޫޓިން އަޒަރްބައިޖާނުގެ ރައީސް އިލްހާމު ޢަލިޔޭވާއި އަރްމީނިޔާގެ ބޮޑުވަޒީރު ނިކޯލް ބަޝިންކިޔާނާ އެކު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި މި ސަމިޓުން އެނގިގެން ދިޔައީ ދެ ފަރާތުން ވެސް ގުޅުންތައް ޠަބީޢީކުރުމަށް ޝައުޤުވެރިވާ ކަމެވެ. އަދި ކުރިމަގަށް ޓަކައި ދެ ފަރާތް ވެސް އޮތީ އެއްބަސްވުމަކަށް ދާން ތައްޔާރަށެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ސޫޗީ ސަހަރުގައި ޕޫޓީން- ޢަލިޔޭވް– ބަޝްނިޔާން މިއަދު ތިން ބައްދަލުވުން ބޭއްވެވިއެވެ. މި ޖަލްސާތަކުގައި މަޝްވަރާ ކުރެއްވީ އަރާރުން އުފެދިފައިވާ ޤަރަބާޣު ސަރަޙައްދުގެ މަސައްލައާ ބެހޭގޮތުންނެވެ.

ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި މި ޖަލްސާތަކަކީ "ލާބަހުރި، ބިނާކުރަނިވި" ބައްދަލުވުންތަކެކެވެ. މި ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިމަގުގެ އެއްބަސްވުމަށް ބޭނުންވާ އީޖާބި ފައްސި މާޙައުލެއް އުފެދިގެން ދިޔައެވެ. ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި ޤަރަބާޣުގެ މަސްއަލައިގައި ހުރިހާ ކަމަކަށް އަދި އެއްބަހެއްނުވެވެއެވެ. ދާއިމީ ސުލްޙައަކަށް ޓަކައި ވާހަކަދެއްކުންތައް ކުރިއަށް ގެންދެވޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން އަރްމީނިޔާއާއި އަޒަރްބައިޖާނުގެ ގުޅުންތައް ޠަބީޢީކުރުމަށް ޓަކައި ހުރިހާ މަސައްކަތެއް ކުރާނެއެވެ.

ލޭ އޮހޮރުވަނިވި ކުރިމަތިލުންތަކެއް

މި ސަމިޓް މި ބޭއްވީ އެ ދެ ޤައުމުގެ ދެމެދުގައި ސަރަޙައްދީ ކުރިމަތިލުންތަކެއް ހިނގަމުންދާތާ މަސްދުވަސް ވީ ފަހުންނެވެ. މި ކުރިމަތިލުންތަކުގައި 286 މީހަކު ވަނީ މަރުވެފައެވެ. މިއީ 2020ގެ ކޯޅުންތަކަށްފަހު ހިނގި އެންމެ ނުރައްކާތެރިކަން ބޮޑު ކުރިމަތިލުމެވެ.

މި ސަމިޓްގެ ކުރިން ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި މިއީ އެތައް ދަހަރުތަކަކަށް ދެމިގެންގޮސްފައިވާ އަރާރުމެކެވެ. އެހެންކަމުން މި އަރާރުމަށް "ނިމުމެއް" ގެންނާން އެބަޖެހެއެވެ.

މި ސަމިޓްގެ ކުރިން ރައީސް ޕޫޓިން އަރްމީނިޔާގެ ބޮޑުވަޒީރު ނިކޯލް ބާޝްނިޔާނާ އެކު ދެ ގަޑިއިރުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވެވިއެވެ. އެއަށްފަހު ޕޫޓިން ވިދާޅުވިއެވެ. "އެންމެ މުހިއްމު ކަމަކީ ސަލްހަމަސަލަސްކަން ޖާމިނުކުރުމެވެ. ތަރައްޤީއަށް ބޭނުންވާ ޙާލަތު ފަހިކޮށްދިނުމެވެ."

އޭނާ ވިދާޅުވި ގޮތުގައި މޮސްކޯ އުންމީދުކުރަނީ ދެ ފަރާތުން ވެސް ސުލްޙައަށް ޓަކައި މަސައްކަތްކުރާނެ ކަމަށެވެ.

އަރްމީނިޔާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އަރްމީނިޔާއިން އެންމެ އިސްކަންދޭ ކަމަކީ ޤަރަބާޣު ސަރަޙައްދުން އަޒަރްބައިޖާން ސިފައިން ބޭލުމެވެ.  އަދި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމެވެ.

ރަޝިޔާގެ ދައުރު

އަނެއްކޮޅުން އަޒަރްބައިޖާނުގެ ރައީސް ޢަލިޔޭވް ހާމަކުރެއްވި ގޮތުގައި އަރްމީނިޔާއާއެކު ގުޅުންތައް ޠަބީޢީކުރުމުގައި އެ ޤައުމުން ބުރަވާނީ ރަޝިޔާގެ ދައުރަށެވެ. ރައީސް ޕޫޓިން އިސްނަންގަވައިގެން ޤަރަބާޣުގެ މަސްއަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވާތީ އޭނާ ރައީސް ޕޫޓިނަށް ޝުކްރު އަދާކުރެއްވިއެވެ.

މި ސަމިޓްގެ ކުރިން ރައީސް ޕޫޓިން ރައީސް ޢަލިޔޭވާ ވަކިން ބައްދަލު ކުރެއްވިއެވެ. ޢަލިޔޭވް ވިދާޅުވި ގޮތުގައި ޤަރަބާޣު މަސްއަލަ ނިމުމަކަށް އަތުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބާކޯ އެއްބަސްވުމުގައި ހިމެނޭ ފަސް އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން އަރްމީނިޔާއާއި އަޒަރްބައިޖާނުގެ ގުޅުންތައް ޠަބީޢީ ކުރެވިދާނެއެވެ.

ޤަރަބާޣު ސަރަޙައްދުން އަރްމީނިޔާ ހިފައިފައިވާ އަޒަރްބައިޖާނުގެ ބިންތައް މިނިވަންކުރުމަށް ޓަކައި 27 ސެޕްޓެންބަރު 2020ގައި އަޒަރްބައިޖާނުން މަސައްކަތް ފެށިއެވެ. އަދި 44 ދުވަހުގެ ހަނގުރާމައިގައި ދެ ފަރާތުން 6،500 މީހުން މަރުވިއެވެ. ހަނގުރާމަ ނިމުނީ އަޒަރްބައިޖާނަށް ނަޞްރު ލިބިގެންނެވެ. މޮސްކޯގެ ބެލެހެއްޓުމުގެ ދަށުން އެއްބަސްވެވުނު ސުލްހަނާމާ ބުނާގޮތުގައި އަޒަރްބައިޖާން ސިފައިން ހިފައިފައިވާ ސަރަޙައްދުތައް އޮންނާނީ އަޒަރްބައިޖާނުގެ ބިންތަކެއްގެ ގޮތުގައެވެ. ޤަރަބާޣު ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ރޫސީ ސިފައިން ތިބިނަމަވެސް ދޭތެރެދޭތެރެއިން ބަޑީގެ ޙަމަލާތައް ދިޔައީ ބަދަލުކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *