މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލު ސިފައިންގެ ފައުޖުތަކެއް ހުޅަނގު އައްސޭރީގެ ނާބްލުސްގެ އިރުމަތީގައި އޮންނަ ބަލާޠާ ފޭލިގެއަވަށަށް އަރައި ހިންގި ޢުދްވާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދުވެއްޖެއެވެ. އަދި އިތުރު ތިން މީހަކު ޒަޚަމުވިއެވެ.
އިސްރާއީލު ސިފައިން މި އަވަށަށް ވަނީ ހައްޔަރުކުރަން ބޭނުންވާ ފަލަސްޠީނު ބަޔަކު އުޅޭތީ އެމީހުން ހައްޔަރުކުރާށޭ ކިޔައިފައެވެ. ފަލަސްޠީނުގެ ޒުވާނުން އިސްރާއީލު ސިފައިންނާ ކުރިމަތިލުމުން އިސްރާއީލުން އިތުރު ސިފައިން ފޮނުވިއެވެ. ފަލަސްޠީނުން ބުނާ އިސްރާއީލު ސިފައިން މި އަވަށަށް ވަނީ އެތައް ނާރެހަކުން ލައިފައެވެ.
ފަލަސްޠީނު ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލު ސިފައިން މި ފޭލިގެއަވަށަށް ވަނީ ބިންކޮންނަ އާލަތްތަކާއި ޢަސްކަރީ އުޅަނދުތަކާއެކުގައެވެ. މި އަވަށް ޙިޞާރުކުރުމަށްފަހު މި އަވަށަށް މީހުން ވަނުމާއި އަވަށުން މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ބުނާގޮތުގައި އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައި ދިން ޙަމަލާތަކުގައި ގޮވާއެއްޗެހި އުފައްދާ ލެބެއް ގޮއްވައިލާ އެތައް ބައިވަރު ހަތިޔާރުތަކެއް އަތުލިއެވެ. އަދި މި ސަހަރުން އެތައް ބަޔަކު ހައްޔަރުކޮށް އެތައް ހަނގުރާމަވެރީންނެއް މަރައިލެވުނެވެ.
އިސްރާއީޅު ރޭޑިއޯ ބުނާގޮތުގައި ބަލާޠާ އަށް މި ދިން ޙަމަލާގައި އިސްރާއީލު ސިފައިންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.
އިއްޔެ ވެސް އިސްރާއީލު ސިފައިންގެ ފައުޖުތައް ފަލަސްޠީނުގެ އެތައް ސަހަރުތަކަކަށާއި ރަށްތަކަކަށް އަރައި ޢުދްވާނީ ޙަމަލާތައް ވަނީ ދީފައެވެ.
ޖަޒީރާގެ ރިޕޯޓަރު ހާމަކުރިގޮތުގައި ނާބްލުސްގެ ދެކުނުގެ ރަށެއް ކަމުގައިވާ ޙުއްވާރާގައި ފަލަސްޠީނު މީހަކު ކާރެއްގައި ގޮސް އިސްރާއީލު ސިފައިންތަކެއްގެ ގައިގައި ޖައްސައި އެކަކު ޒަޚަމުކޮށްލުމާ ވިދިގެން އިސްރާއީލުން ވަނީ މި ރަށް ތަޅުލައިފައެވެ.



advertisment