ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
މިތަން ހުޅުއްވައިދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާގައެވެ.
ރާއްޖޭގެ ފުންނާބު އުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނޭޝަނަލް އާޓް ގެލެރީ 2005 ވަނަ އަހަރު ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމް ކުރުމުގެ ސިޔާސަތެއް އޮތްނަމަވެސް މިއަދާ ހަމައަށް ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައިނުވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މިއަދު އިފްތިތާޙު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވެއެވެ. މި 24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނެއެވެ.
ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއަރ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.



advertisment