Support Us

ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތް ތަނުގައިވެސް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތުން ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *