Support Us

ޢަރަބި ބޮޑުފޭލިގެއަށް ސޫރިޔާ އަނބުރާ އައުމުން ހޫނު މަރްޙަބާއެއް

ބާރަވަރަކަށް އަހަރަށް ފަހުން ސޫރިޔާ އަލުން ޢަރަބި ބޮޑު ފޭލިގެއަށް ވެއްދިވެއްދުމަށް ޖިއްދާގައި އިއްޔެ ބޭއްވި ޢަރަބި ސަމިޓުން ވަރަށް ހޫނު މަރްޙަބާއެއް ކިޔައިފިއެވެ. 

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ބާރުލައްވައި ވިދާޅުވި ގޮތުގައި ސޫރިޔާއަކީ ޢަރަބިވަންތަކަމުގެ ހިތުގައި އޮތް ރަށެކެވެ.

ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ޢަރަބި ޒަޢީމުންގެ ތެރެއިން ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލު ޘާނީ ފިޔަވާ އެހެން ހުރިހާ ޒަޢީމުންވެސް ސޫރިޔާގެ އެނބުރި އައުމަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވިއެވެ. އެ ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވީ ސޫރިޔާ އަނބުރާ އައުމުން އެ ސަރަޙައްދަށް ރަނގަޅު ކުރިމަގެއް ފެންނާނެކަމުގެ ހެޔޮ ފާލަކާއެކުގައެވެ.

ދެހާސް އެގާރައިން ފެށިގެން ސޫރިޔާ ދެކެމުންދާ ބިރުވެރި އަދި ދުވަސްތައް ނިމުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވަމުންނެވެ. 

ސޫރިޔާ އަނބުރާ ޢަރަބީންގެ ފޭލިގެއަށް އައުމުންނާއި ރައީސް ބައްޝާރު މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންނެވި އުފާ ވަރަށް ބޮޑު ކަމަށް ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސޫރިޔާގެ ހަމަޖެހުން ހަރުދަނާވެގެންދާނެ ކަމަށާއި އެ ޤައުމުގެ ކަންތައްތައް އޭގެ ޠަބީޢީ މަގަށް އެޅިގެންދާނެ ކަމަށާއި ޢަރަބި ވަޠަނުގައި ސޫރިޔާގެ އަދާކުރަމުން އައި ދައުރު އަލުން ފެށޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ސުޢޫދީ ވަލީ ޢަހްދު ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ކަމަށާއި މި ސަރަޙައްދުގެ ކުރިމަގު އުޖާލާ ކުރުމުގައި ސޫރިޔާގެ ޙިއްސާވުން އަލުން ލިބޭނެ ކަމަށް ސުޢޫދީ ވަލީ ޢަހްދު ވިދާޅުވިއެވެ. 

ސޫރިޔާ އަނބުރާ އަރަބި ލީގަށް ވެއްދުމަށާއި ރައީސް ބައްޝާރަށް މި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމުގައި ސުޢޫދީ ޢަރަބިއްޔާގެ ދައުރަކީ ވަރަށް ބިނާކުރަނިވި ދައުރެއް ކަން ހުރިހާ ޢަރަބި ޒަޢީމުން ވެސް ފާހަގަކުރެއްވިއެވެ.

ސޫރިޔާގެ ވޭންދެނިވި ގިނަގުނަ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ބިނާކުރަނިވި ޝާމިލު ޙައްލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ޢަރަބިން ބައިވެރިވުމަށް ޢަރަބިލީގްގެ އަމީން ޢާންމު އަޙްމަދު އަބުލް ޣައިޠު ގޮވައިލެއްވިއެވެ. ދަހަރެއްހާ ދުވަހަށްވުރެ ދިގުލައިގެން ގޮސްފައިވާ ސޫރިޔާގެ މަސްއަލަތަކުގެ ސަބަބުތަކަށާއި އުޞޫލުތަކަށް ރިޢާޔަތްކޮށްގެން އެ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ޢަރަބި ޒަޢީމުން ތެދުވެވަޑައިގަތުމަށް އޭނާ ގޮވައިލެއްވިއެވެ.

ޢަރަބީން ގަދަ ހިތްވަރާއެކު ކުރަމުންދާ މަސައްކަތްތަކަކީ "ތަވާޒުނު އައު ސަރަޙައްދީ ނިޒާމެއް ޤާއިމުކުރުމަށް ފަހި ވެފައިވާ އުފާވެރި އިސްނެގުމެއް" ކަމަށް ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ ވިދާޅުވިއެވެ.

ޢަރަބި 33ވަނަ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަޙްރައިނުގައެވެ.

އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން ވިދާޅުވި ގޮތުގައި ސޫރިޔާ އަނބުރާ އައުމަކީ "މަސްއަލަތައް ނިމުމަކަށް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ."

މިޞްރުގެ ރައީސް ސީސީ ވިދާޅުވި ގޮތުގައި "މިއީ ސަލާމަތީ މަޖިލީހުގެ 2254 ވަނަ ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން ސޫރިޔާގެ މަސްއަލަ ޙައްލުކުރުމަށް ޢަރަބިން ފެށި ދަތުރެކެވެ. މި ކަމުގެ ސަބަބުން ޢަރަބީންގެ ދައުރު މި ކަމުގައި ފެނިގެންދާނެއެވެ."

މޮރިތާނިޔާގެ ރައީސް މުޙައްމަދު ވިލްދު އައްޝައިޚު އަލްޣަޒްވާނީ  ވުދާޅުވި ގޮތުގައި މި ކަމުގެ ސަބަބުން ޢަރަބީންގެ ރިސާލަތު ހަރުދަނާ ކުރުމަށް ޓަކައި ސޫރިޔާގެ ތާރީޚީ އަދި ނާރެހީ ދައުރު އަދާކުރުމުގެ ފުރްޞަތު ސޫރިޔާއަށް ލިބިގެންދާނެއެވެ. 

ކުވައިތުގެ ވަލީޢަހްދު އައްޝައިޚު މިޝްޢަލުލް އަޙްމަދު ވިދާޅުވި ގޮތުގައި ސޫރިޔާ އަނބުރާ ޢަރަބި ފޭލިގެއަށް އައުމަކީ ސޫރިޔާގެ ރައްޔިތުންގެ ގިލަންތަކާއި ބަރުދާސްތުތައް ނިމުމަކަށް ގެނައުމަށް ކުރާ ދަތުރުގެ  ފެށުމެވެ. ޖިއްދާއާއި ޢައްމާން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމަށް އޭނާ ސޫރިޔާއަށް ގޮވައިލެއްވިއެވެ. 

ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢުއްސޫދާނީ ސޫރިޔާ އަނބުރާ ޢަރަބި ވެށްޓަށް އައުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވިއެވެ. "ސޫރިޔާގެ މަސްއަލައަށް ނިމުމެއް އައުމަކީ އަރަބި ސަރަޙައްދަށް ހަމަޖެހުން ގެނެސްދާނެ ކަމެކެވެ." ޢަރަބީންގެ ދެބަސްވުންތައް ޙައްލު ކުރުމަށް ޓަކައި ޢަރަބީން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

ސޫރިޔާގެ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ޢަރަބިލީގުން މިއަދު ވަނީ ފަސް މެންބަރުންގެ ކޮމެޓީއެއް އެކުލަވައިލައިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *