ޖިއްދާގައި މިއަދު ބޭއްވުނު ޢަރަބި ސަމިޓްގެ ޚިތާމީ ބަޔާނަށް އެއްބަސްވެވަޑައިގަތުމާއެކު 32 ވަނަ ޢަރަބި ސަމިޓް މިއަދު ހަވީރު ނިމެއްޖެއެވެ. މި ސަމިޓްގައި ފަލަސްޠީނުގެ މަސްއަލައާއި ސޫދާނުގެ މަސްއަލައިގެ އިތުރަށް އިޤްތިޞާދީ އެތައް ފައިލްތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިއީ 12 އަހަރަށްފަހު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ފުރަތަމަ ފަހަރަށް ޢަރަބި ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ޖިއްދާގައި މިއަދު ބޭއްވުނު ސަމިޓް ނިމުމުން ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނު ހާމަކުރެއްވި ގޮތުގައި ދެން ބޭއްވޭ ޢަރަބި ސަމިޓް ބޭއްވޭނީ ބަޙްރައިންގައެވެ. އޭނާ އިޢުލާން ކުރެއްވި ގޮތުގައި ޢަރަބި ސަމިޓްގެ ހުރިހާ ނިންމުންތަކެއް އިތުމާދުވެގެން ދިޔައީ އިއްތިފާޤުންނެވެ.
މި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ސަމިޓްގެ ރިޔާސަތު ޖަޒާއިރުން ސުޢޫދީ ޢަރަބިއްޔާއާ ޙަވާލުކުރިއެވެ. ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތައްބޫންގެ ފަރާތުން މި ރިޔާސަތު ސުޢޫދީ ރަސްގެފާނާ ޙަވާލު ކުރެއްވީ ޖަޒާއިރުގެ ބޮޑުވަޒީރު އައިމަން ބިން ޢަބްދުލް ރަޙްމާނެވެ.
ސަމިޓް ނިމުމުގެ ކުރިން ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލު ސާނީ ޖިއްދާއިން ފުރާވަޑައިގެންފިއެވެ. އޭނާ މި ސަމިޓްގައި ވާހަކަފުޅެއް ވެސް ނުދައްކަވައެވެ.
މި ސަމިޓަށް ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީ ޙާޒިރުވެވަޑައިގެންނެވިކަން ފާހަގަ ކުރެވެއެވެ. އޭނާ މި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ. ޔުކްރޭން މަސްއަލަ ޙައްލުކުރެއްވުމަށް ޓަކައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އޭނާ ތާރީފުކުރައްވާ ޝުކްރު އަދާކުރެއްވިއެވެ. ސުޢޫދީ ޢަރަބިއްޔާ މެދުވެރިވެގެން ޔުކްރޭން– ރަޝިޔާ ހަނގުރާމައިގެ އަސީރުން ބަދަލުކުރެވިފައި ވެއެވެ.
ޖިއްދާ އިޢުލާން
ޖިއްދާ ސަމިޓުގެ ނިންމުންތައް "ޖިއްދާ އިޢުލާން"ގެ ނަމުގައި ފާސްކުރިއެވެ. މި އިޢުލާނުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:-
ފަލަސްޠީނު މަސްއަލަ: މިއީ ޢަރަބީންގެ މަރްކަޒީ މަސްއަލަކަން މި ސަމިޓުން ކަށަވަރުކޮށްދިނެވެ. މި މަސްއަލަ ޙައްލުކުރެވޭނީ ޢަރަބި އިސްނެގުމާ އެއްގޮތްވާ ގޮތަށް ކަމަށާއި މި މަސްއަލަ ޙައްލުކުރުމަށް ޓަކައި މަސައްކަތްތައް އިތުރު ކުރުމަށް މި ސަމިޓުން ގޮވައިލިއެވެ.
ސޫރިޔާގެ މަސްއަލަ: ސޫރިޔާގެ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ސޫރިޔާއަށް އެހީވެދިނުމަށާއި ސޫރިޔާގެ ރެފިޔުޖީން ވަޒަނަށް އެނބުރި އައުމަށް އެހީވެދިނުމަށާއި ސޫރިޔާގެ ބިމުގެ އެއްބައެއްވަންތަކަން ރައްކައުތެރިކުރުމަށް ބޭނުންވާ މުނާސަބު މާޙައުލާއި ޙާލަތު ތަނަވަސްކޮށް ދިނުމަށް މަސައްކަތްކުރުމަށް ގޮވައިލިއެވެ.
ސޫދާން: ސޫދާނުގެ މަސްއަލައާ ބޭރުގެ އެއްވެސް ފަރާތަކުން ނުބެހުމަށާއި ޖިއްދާ އެއްބަސްވުމާ އެއްގޮތަށް ސޫދާނުގެ މަސްއަލައަށް ނިމުމެއް ގެނެވޭތޯ މަސައްކަތްކުރުމަށާއި ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރުމަށް އިސްކަންދިނުމަށް ޢަރަބި ސަމިޓުން އެއްބަސްވިއެވެ.
ލީބިޔާ: ލީބިޔާގެ މަސްއަލަ ލީބިޔާގެ ގިއުގަނޑުގެ ތެރޭގައި ޙައްލުކުރުމަށް މަސައްކަތް ކުރުމަށާއި މި ކަމަށް ޓަކައި ލީބިޔާގެ ބަރްލަމާނީ އިންތިޚާބާއި ރިޔާސީ އިންތިޚާބު އަވަހަށް ބޭއްވުމަށް އަރަބި ސަމިޓުން ގޮވައިލިއެވެ. ލީބިޔާގެ މަސއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި އދ ން ކުރަމުންދާ މަސައްކަތަށް ވާގިވެރިވުމަށާއި ލީބިޔާގެ ޢަސްކަރީ ބާރުތައް އެކަތިގަނޑަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ސަމިޓުން ގޮވައިލިއެވެ.
ޔަމަން: ޔަމަނުގެ މަސްއަލައަށް ޝާމިލު ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ސަރަޙައްދީ ދާއިރާގައްޔާއި ބައިނަލްއަޤްވާމީ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކަށް ވާގިވެރިވުމަށާއި ޔަމަނުގައި އަމްނާއި ހަމަޖެހުން ޤާއިމުކުރުމަށް ޓަކައި ޔަމަނުގެ ރިޔާސީ އިސްވާރިއްޔަތު މަޖިލީހަށް ވާގިވެރިވުމަށް ޢަރަބި ސަމިޓުން އެއްބަސްވިއެވެ.
ލުބްނާން: ލުބްނާނުގައި ރައީސަކު އިންތިޚާބުކުރުމުގެ މސައްކަތާއި ސަރުކާރެއް ޤާއިމުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މި ސަމިޓުން ގޮވައިލިއެވެ.
ސުޢޫދީ އަރަބިއްޔާ: ސުޢޫދީ ޢަރަބިއްޔާއާއި އީރާނުގެ ގުޅުންތައް އިޢާދަކުރުމާ ބެހޭގޮތުން އެއްބަސްވެވުނު އެއްބަސްވުމަށް މި ސަމިޓުން ތަހްނިޔާ ކިޔައި އެ ދެ ޤައުމުގެ ދެމެދުގައި އެއް ބަސްވެފައިވާ ސަލާމަތީ އަދި އިޤްތިޞާދީ އެއްބަސްވުން ތަންފީޒު ކުރުމަށް މި ސަމީޓުން ގޮވައިލިއެވެ.
މި ސަމިޓުން ފާހަގަކުރި މުހިއްމު މަސްއަލަތަކުގެ ތެރޭގައި ޢަރަބި ޤައުމުތަކުގެ ދާޚިލީ މަސައްލަތަކާ ބޭރުގެ ބާރުތައް ބެހުން ވެއެވެ. ޢަރަބީންގެ ދާޚިލީ ކަންތައްތަކާ ބެހުން ހުއްޓައިލުމަށް މި ސަމިޓުން ގޮވައިލިއެވެ.



advertisment