Support Us

އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ: ފައިސަލް

ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާއި ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ޔަޤީންކޮށްދެއްވާކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސް ރޯޑުގައި ރޭ ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ހަލުވިކަމާއި އެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ކާމިޔާބީތައް ހޯދުމަށް، ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށްވެސް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

މ ިޙަފްލާގައި، "ގޯލްޑް 100″ މެގަޒިން ނެރެދެއްވުމުގެ އިތުރުން، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަޙްމަދު ނާޝިދަށް އެވޯޑް ޙަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

"ގޯލްޑް 100″ އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ޙަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ޙަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާ ފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *