Support Us

މެރިޓް ސްކޮލަރޝިޕްގެ ނަމުގައި އައު ސްކޮލަރޝިޕް ސްކީމެއް ފަށަނީ

މެރިޓް ސްކޮލަޝިޕްގެ ނަމުގައި އައު ސްކޮލަރޝިޕް ސްކީމެއް މިއަހަރު ފެށުމަށް ޤަޞްދުކުރައް ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ. އަދި މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްޞަކުރާ ސްކޮލަރޝިޕެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޮލަރޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ ޒަމާނީ ތަޢުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީކުރުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުޞަތުތަކާއި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލަރޝިޕްގެ ފުރުޞަތު މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުންނަށްވެސް، އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ފުޅާވެ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިއުން މިރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 18 ދަރިވަރަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *