އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
ދެހާސް ދުއިސައްތައަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ. މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިންވެސް ހިމެނެއެވެ.
ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްއިން، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ ޢިއްޒަތުގައެވެ.
ކިންގް ޗާލްސް ތިންވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސްއަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު ދެވަނަ ތަޚުތުގައިވެޑުވުމާ ހަމައިންނެވެ. އެއަށްފަހު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ އަށް ވަނަ ދުވަހު، ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެވަޑައިގެންނެވުމާ ގުޅިގެން ރަސްކަމުގެ ތަޚުތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ. އަދި މިއަދުގެ ބޭއްވި ކިންގް ޗާލްސް ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި، ކުރީގެ ހަރ ރޯޔަލް ހައިނަސް ޑަޗަސް އޮފް ކޯންވޯލް މިހާރުގެ ހަރ މެޖެސްޓީ ކުއީން ކެމީލާވެސް ތަޚުތުގައިވެޑުވުން އޮތެވެ.



advertisment