Support Us

އަޤްޞާ މިސްކިތުގެ އިމާމު އިސްރާއީލުގެ ތަޙްޤީޤަށް

އިސްރާއީލުގެ ޖާސޫސީ އިދާރާގެ ސިފައިންނާއި އިސްރާއީލުގެ ފުލުހުން އިއްޔެ އަޤްޞާ މިސްކިތުގެ އިމާމު ޝައިޚު ޢިކްރިމަތު ޞަބްރީގެ ގެއަށް ވަދެ ތަޙްޤީޤަށް ގެންގޮސްފިއެވެ.

އޭނާ ގެންދިޔައީ ހުޅަނގު ޤުދުސުގައި ހުންނަ ފުލުހުންގެ މަރްކަޒަކަށް ކަމަށް ޝައިޚު ޞަބްރީގެ ޢާއިލާގެ ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ އެބޭފުޅުން ކުށްވެރިކުރައްވާ ކަމެކެވެ. 

މި ތަޙްޤީޤަށްފަހު ޝައިޚު ޞަބްރީ ވިދާޅުވިގޮތުގައި އިސްރާއީލުގެ ސަލާމަތީ މަރްކަޒަކަށް ގެންގޮސް ފަސް ގަޑިއިރުވަންދެން އޭނާއާ ތަފާތު ބާވަތްބާވަތުގެ ސުވާލުތައް ކުރިއެވެ. މި ސުވާލުތަކުގެ މަޤްޞަދަކީ އޭނާގެ އިސްތަށިފުޅުގައި ނިރުބަވެރިކަމަށް ހިތްވަރުދެއްވާ ކަމުގެ ތުހްމަތު އެޅުވުންކަމަށް ޝައިޚު ޞަބްރީ ވިދާޅުވިއެވެ. ޝައިޚު ވިދާޅުވިއެވެ. "މިއަދު ހެދުނު އިސްރާއީލުގެ ޖާސޫސީ އިދާރާގެ ޖަމާޢާތެއް އަހުރެންގެ ގެއަށް އައިސް ގެއަށް ވަދެ މަސްކޫބިއްޔާ މަރްކަޒަށް ތަޙްޤީޤަށް ދިޔުމުގެ އަމުރު ޙަވާލު ކުރިއެވެ." ތަޙްޤީޤުގެ ތެރޭގައި އެމީހުން "އަހުރެންގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ތުހްމަތުތަކަކީ އަހުރެން ހަރުކަށި ޢަމަލުތައް ހިންގުމަށާއި ޝަހީދުވުމަށް ހިތްވަރުދިނުމެވެ. އެހެނަސް މިއީ ބާޠިލު ތުހްމަތުތަކެކެވެ." ޝައިޚު ޞަބްރީ ވިދާޅުވިއެވެ.

"އާދަކާދައިގެ މަތިން ޝަހީދުންގެ ގެއަށް ޒިޔާރަތްކޮށް ތަޢުޒިޔާ ކިޔަމުއެވެ. މިއީ އެމީހުން ދެކޭގޮތުގައި ޖާނުންފިދާވުމަށާއި ޝަހީދުވުމަށް ހިތްވަރުދިނުމެކެވެ. އަހުރެން ފިދާއިންގެ އެއްވެސް ޙަމަލާއަކަށް ތާއީދުކޮށް ވާހަކަ ދައްކައިފައެއް ނުވާނެއެވެ. މިއީ އޮޅުވައިލުމެއްކަމަށް ވެސް ބުނީމެވެ." 

ޝައިޚު ޞަބްރީ ވިދާޅުވިއެވެ. "ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ގޭގެއަށް އަހުރެން ޒިޔާރަތްކޮށްފައިވާ ތަން ހާމަކޮށްދޭ ވީޑިއޯތައް ތަޙްޤީޤު ކުރި މީހުން މަށަށް ދެއްކިއެވެ. އެއީ މީޑިޔާތަކުން ދުރަށް  ދައްކައިފައިވާ ވީޑިއޯތަކެކެވެ. އަހުރެން ބުނީމެވެ. ދީނީ ގޮތުން އަހުރެމެން ޝަހީދުންނަށާއި އަހުރެމެންގެ ތެރެއިން މަރުވާ މީހުންނަށް ހެޔޮ ދުޢާކުރަމުއެވެ. ޝަހީދުންނަށް ހެޔޮ ދުޢާކުރުމަކީ އެމީހުން ހިންގާ ޙަރަކާތްތަކަށް ތާއީދު ކުރުމެއް ނޫނެވެ. އެމީހުންގެ ހިސާބުބެއްލެވުން އޮންނާނީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުގައެވެ."

ނިރުބަވެރީންނަށް ތާއީދުކުރާކަމުގެ ތުހްމަތު އެޅުވުން

 ޝައިޚު ޢިކްރިމަތު ޞަބްރީ ވިދާޅުވިއެވެ. "އެމީހުންގެ މުޅި ތަޙްޤީޤުގެ އަމާޒަކީ އަހުރެންގެ ބޮލުގައި ޝަހީދުންގެ ޢަމަލުތަކަށް ތާއީދުކުރާކަމުގެ ތުހްމަތު އެޅުވުމެވެ.ތަފާތު ގޮތްގޮތަށް އެމީހުން ސުވާލު ކުރީ މި ނުކުތާގެ ވަށައިގެންނެވެ. އަހުރެން އެމީހުންނަށް ދިން ޖަވާބު ވަރަށް ސާފެވެ."

    މީގެ ކުރީން ވެސް އިސްރާއީލު ފުލުހުން ޝައިޚު ޞަބްރީގެ ގެއަށް އެތައް ފަހަރަކު ވަދެފައި ވެއެވެ. އޭނާ އިމާމުވެ ހުކުރު ނަމާދު ކުރެއްވުން ވެސް މަނާކޮށްފައި ވެއެވެ. އަޤްޞާ މިސްކިތް ބަލަހައްޓާ ޤާނޫނީ ފަރާތަކީ އުރްދުނެވެ. އެހެންކަމުން މި މިސްކިތަށް ޚަޠީބުންލައްވައި ވަކިކޮށް ހެދުުމުގެ ބާރު އިސްރާއީލަށް ލިބިގެން ނުވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *