ސަރަޙައްދީ ރޮނގު އަމާންކުރުމަށާއި ޚާއިނުންނާއި ޖާސޫސުންނާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް ޕޫޓިން ގޮވައިލައްވައިފިއެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭނުން ރޫސީ އިއްތިޙާދުގައި ބައިވެރިވެފައިވާ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް މޮސްކޯއިން ފިޔަވަޅު އަޅާނެއެވެ.
ރަޝިޔާގެ "ސަލާމަތީ އިދާރާތަކުގެ ދުވަސް"ގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ބޭރުގެ ޖާސޫސީ އިދާރާތަކުން ރަޝިޔާއާ ދެކޮޅަށް ހިންގަމުންދާ ޢަމަލުތައް ބޭޒާރުކޮށް ނައްތައިލުމަށް ޓަކައި ރަޝިޔާގެ ޖާސޫސީ އިދާރާތަކުން އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވައިލަމެވެ." އޭނާ ވިދާޅުވިއެވެ. "ޚާއިނުންނާއި ޖާސޫސީންނާއި ޚަރާބުކުރާމީހުންގެ ނުބައި ޢަމަލުތަކަށް އަވަހަށް ރައްދުދޭން ވާނެއެވެ."
ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެންގެ އަތުގައި ހުރި ހުރިހާ ޤާބިލުކަމަކާއި ހަތިޔާރެއް ބޭނުންކޮށްގެން އަހުރެމެންގެ ސަރަޙައްދީ ރޮނގު ފޫއަޅުވައިލުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއް ފުޑުފުޑުކޮށް ޗިސްކޮށްލާންވާނެއެވެ."
ރަޝިޔާގެ އިއްތިޙާދުގެ ދަށަށް ގެނެވުނު ޔުކްރޭނުގެ ބިންތައް ޙިމާޔަތްކުރައްވާނެކަމަށް ޕޫޓިން ވަޢުދުވެވަޑައިގަތެވެ. އޭނާ ވިދާޅުވިއެވެ. "މޮސްކޯއިން އެ ސަރަޙައްދުތަކަށް ހަތިޔާރާއި ޒަމާނީ ޢަސްކަރީ ސާމާނުތަކާއި އާލަތްތައް ދޭނެއެވެ."
ބިލަރޫސަށް ވަޑައިގަތުން
ރައީސް ޕޫޓިން ޤައުމީ ސަލާމަތާ ބެހޭ ދުވަހުގެ ޚިޠާބު ދެއްވީ އިއްޔެ އަވަށްޓެރި ބިލަރޫސަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. މިއީ 2019ގެ ފަހުން ޕޫޓިން މިންސްކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ބިލަރޫސްގެ ރައީސް ކްލެޝިންކޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މޮސްކޯއާއި މިންސްކް ގުޅިން ދިފާޢީ އެއް މަޖާލެއް އުފެއްދުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބިލަރޫސް ބައިވެރިކުރުންނޫންކަމަށް މޮސްކޯއިން ބުންޏެވެ.
ރޫސީ ރައީސް ޕޫޓިން ވިދާޅުވިއެވެ. "އިއްތިޙާދުގެ ދައުލަތުގެ އަމްނު ޖާމިނުކުރުމާ ބެހޭގޮތުންނާއި އެއްބައިވަންތަ ދިފާޢީ މަޖާލެއް ޤާއިމުކުރުމާ ބެހޭ ގޮތުން ތަފްޞީލުކޮށް މަޝްވަރާކުރެވުނެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ބޭނުންވާ ހަތިޔާރު ދިނުމާ ބެހޭގޮތުންނާއި ޢަސްކަރީ އައު ހަތިޔާރު ގުޅިގެން އުފެއްދުމާ ބެހޭގޮތުންނާއި ގުޅިގެން ބާއްވަމުންދާ ޢަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެވުނެވެ."
ޕޫޓިން ވިދާލުވިއެވެ. "މިއީ އަހުރެމެން އީޖާދުކުރި ކަމެއް ނޫނެވެ. އެމެރިކާއިން އެ ޤައުމުގެ ބައިވެރީންނާއި ނޭޓޯގެ ޤައުމުތަކާއެކު މި ފަދަ ތަމްރީނުތައް ބާއްވަމުންދާތާ އެތައް ދަހަރެއް ވެއްޖެއެވެ."
އަނެއްކޮޅުން ބިލަރޫސްގެ ރައީސް ހާމަކުރެއްވި ގޮތުގައި ބިލަރޫސްގައި މިހާރު ވަނީ އެސް-400 މިސައިލް ނިޒާމާއި ރަޝީޔާގެ އެލެގްޒަންޑަރު މިސައިލްތައް އެ ޤައުމުގައި ބަހެއްޓިފައެވެ. ރައީސް ލޮކަޝެންކޯ ނޫސްވެރީންނަށް ވިދާޅުވިއެވެ. "ރަޝިޔާގެ އެހީއާނުލައި ޢަސްކަރީ ޖާމިނުކަން ނުހޯދޭނެއެވެ." ލޮކަޝިންކޯ ހާމަކުރެއްވި ގޮތުގައި ޢަސްކަރީ ސަލާމަތީ މައިދާނުގައި އެއްބާރުލުން ހަރުދަނާކުރުމާ ބެހޭގޮތުން ރައީސް ޕޫޓިނާއެކު މަޝްވަރާކުރެވުނެވެ.
އެމެރިކާގެ އިންޒާރެއް
އަނެއްކޅުން ބަލާއިރު ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއަށް އެހީނުވުމަށް ވޮޝިންގްޓަނުން މިއަދު މިންސްކަށް ގޮވައިލައިފިއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި ރަޝިޔާއިން ދަނީ ޔުކްރޭނަށް ޙަމަލާދިނުމަށް ޓަކައި ބޭނުންކުރާ ނުކުތާއަކަށް ބިލަރޫސް ހެދުމަށް މަސައްކަތް ކުރަމުންނެވެ.އެމެރިކާއިން މި ކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި ބިލަރޫސާ ދެކޮޅަށް ފިޔަވަޅުތައް އަޅަނެ ކަމަށް އޭނާ ވިދާޅުވެ މިންސްކަށް އިންޒާރު ދެއްވިއެވެ.



advertisment